ފުލުހުންގެ ގަވާއިދުތަކަށް ފުރިހަމައަށް އަހުލުވެރިވެ، ޕްރޮފެޝަނަލް މިންގަނޑު ހިފެހެއްޓުމަށް ސީޕީ ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 43ސ
ފުލުހުންގެ ގަވާއިދުތަކަށް ފުރިހަމައަށް އަހުލުވެރިވެ، ޕްރޮފެޝަނަލް މިންގަނޑު ހިފެހެއްޓުމަށް ސީޕީ ގޮވާލައްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ކޮންމެ ފުލުހަކުވެސް އަމިއްލައަށް އަހުލުވެރިވެ، މުއައްސަސާގެ ޕްރޮފެޝަނަލް އަދި އަހުލާގީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ގޮވާލައްވައިފިއެވެ. 

ކޮމިޝަނަރ މިހެން ގޮވާލެއްވީ، މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ފުލުހުންގެ ރޭންކުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ދިވެހި ދައުލަތުގެ އެހެން މުއައްސަސާތަކާ އަޅާބަލާއިރުވެސް އެންމެ ގިނައިން ގަވާއިދުތަކާއި އުސޫލުތަކާއި އެސް.އޯ.ޕީތައް ލިޔެވި، އެއަށް އަމަލުކުރެވެމުންދާ މުއައްސަސާއަކީ ދިވެހި ފުލުހުންގެ ޚިދުމަތް ކަމަށެވެ. އަދި އެ ހުރިހާ ގަވާއިދުތަކަކީވެސް ފަސޭހައިން ބަލައިލެވޭނެހެން ފެންނަން ހުރި ތަކެތި ކަމަށްވާއިރު، މުއައްސަސާއާ ގުޅުމަށްފަހު އެއިން އެއްވެސް ގަވާއިދެއް ނޭނގުމަކީ ފަރުދީގޮތުން އެއްވެސް މުވައްޒަފަކަށް ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށް ވިދާޅުވިއެވެ. 

"ބައެއް ފަހަރު އިދާރީގޮތުން މުވައްޒަފުންނަށް ކުރެވޭ ބައެއް ކުށްތަކާ ގުޅިގެން އެކަންކަން ބަލާ ފަރާތްތަކުން ސުވާލުކުރުމުން، ގަވާއިދު ނޭނގޭ ކަމަށް ބުނެ ވަރަށް ފަސޭހައިން ޖަވާބުދޭ. މައްސަލަ ބަލާ ފަރާތްތަކުން ގަބޫލުކުރާނެ ހުއްޖަތެއް ނޫން އެއީކީއެއް. ފިޔަވަޅު އަޅަން ޖެހުމުން އަމަލުކުރާނީ ލިޔެވިފައި އޮތް އެއްޗަކަށް. މުވައްޒަފަށް އެކަން ނޭނގުމަކީ ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެ ސަބަބެއް ނޫން،" ކޮމިޝަނަރ ވިދާޅުވިއެވެ. 

ފުލުހުންނަށް ދިމާވާ އިދާރީ އަދި އެހެނިހެން މައްސަލަތަކުގައި މުއައްސަސާގެ އެތެރޭގެ ނިޒާމުގެ ބަދަލުގައި ބޭރުން ހައްލު ހޯދަން މަސައްކަތްކުރުމަކީ އިދާރީ ގޮތުން ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމެއްކަން ފާހަގަކުރައްވައި، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ބުއްދި އިސްކޮށް ހިކުމަތްތެރިކަމާއެކު މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ. އަދި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާއި ފިޔަވަޅު އެޅުމުގެ ކަންކަން ހިންގަނީ ފުލުހުންގެ ގާނޫނާއި އެތެރޭގެ އުސޫލުތަކުގެ ތެރެއިން ކަމަށާއި، ރަނގަޅު ގޮތުގައި ހިދުމަތުގައި ދެމިހުންނަ މުވައްޒަފަކާ މެދު ނުހައްގުން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ހަމައެއާއެކު، އަމަންއާންމު ބެލެހެއްޓުމާއި ގާނޫނު ތަންފީޒުކުރުމުގެ ބޮޑު މަސްއޫލިއްޔަތު އޮތް ބަޔަކަށް ވީހިނދު، ކަންކަމުގައި ނުތަނަވަސްކަން އަންނަ ހާލަތްތަކުގައިވެސް ކެތްތެރިކަން އިސްކޮށް، އުސޫލުތަކާ ހިލާފުނުވުމަށާއި ބޭއަދަބީކޮށް ވާހަކަނުދެއްކުމަށް ކޮމިޝަނަރ ހަނދާންކޮށްދެއްވިއެވެ.

ރަސްމިއްޔާތުގައި އެރުވުނު އަހުލާގީ ކުލައާއި މެޑަލްތަކަށް އަލިއަޅުއްވާލައްވަމުން، އެއީ މުއައްސަސާއިން ފުލުހެއްގެ އަހުލާގާއި ފެންވަރު ރަމްޒުކޮށްދޭ މަތިވެރި ޝަރަފެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޝަރަފުތައް ލިބުމަށްފަހު، އެއާ ނުގުޅޭ ފަދަ އަހުލާގީ މައްސަލަތަކުގައި ޕްރޮފެޝަނަލް ސްޓޭންޑަރޑްސް އަށް ހާޒިރުވާންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ޝަރަފުތައް އަނބުރާ އަތުލަންޖެހޭ ފަދަ ހާލަތަކަށް އެއްވެސް މުވައްޒަފެއްގެ އަމަލުތައް ގޮސްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. 

މުވައްޒަފުންގެ ކުރިއެރުމާ ގުޅޭގޮތުން ކޮމިޝަނަރ ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ކުރު މުއްދަތެއްގެ ތެރޭގައި 400 އަށްވުރެ ގިނަ މުވައްޒަފުންނަށް އެކި ރޭންކްތަކުގައި މަގާމުގެ ކުރިއެރުން ދެވިފައިވާއިރު، 400 އަށްވުރެ ގިނަ ފުލުހުންނަށް ވަނީ އެކި ކުލައާއި މެޑަލް އަރުވާފައެވެ. އަދި 4 ގިންތިއަކުން 518 ފުލުހަކަށް ހިދުމަތުގެ ހަނދާނީ ފިލާ ދިނުމަށް ނިންމައި އޭގެ ތެރެއިން ގިނަ ފަރާތްތަކަކަށް މިހާރު ފިލާ ހަވާލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މުވައްޒަފުންނަށް ހައްގުވާ ކުރިއެރުމާއި ޝަރަފުތައް ކުރިއަށް އޮތް ތަނުގައި ލަސްނުވެ، ދޭންޖެހޭ ވަގުތުގައި ވީހާވެސް ފުރިހަމައަށް ދެވޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. 

ކުރިއަށް އޮތް ތަނުގައި މުއައްސަސާގެ މުވައްޒަފުންގެ ކިބައިން އަހުލާގީ މައްސަލަތައް މަދުކޮށް، އުސޫލުތަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް ހެދުމަށްޓަކައި ތަމްރީނުތަކާއި ޕްރޮގްރާމްތައް ހިންގަވާނެކަން އިއުލާނުކުރައްވަމުން، ގާނޫނީ ވާޖިބު އަދާކުރުމުގައި އަހުލާގު ރަނގަޅު، އުއޫލުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއްގެ ގޮތުގައި ދެމިތިބުމަށް އަޒުމް ކަނޑައެޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ހުރިހާ ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.

މިއަދު އޮންލައިން