ނުދައްކާ ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން މިދިޔަ މަހު 497 މިލިޔަން ރުފިޔާ ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ނުދައްކާ ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން މިދިޔަ މަހު 497 މިލިޔަން ރުފިޔާ ހޯދައިފި

ދައުލަތަށް ނުދައްކާ ހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ މަހު އެކަނިވެސް 497 މިލިޔަން ރުފިޔާ ހޯދައިފިއެވެ.

މިދިޔަ މަހު މީރާއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.42 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި 98.08 މިލިޔަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ. މިއީ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ. މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު 1.25 ބިލިޔަން ރުފިޔާ އަދި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު 490 މިލިޔަން ރުފިޔާއެވެ.

ނުދައްކާ ހުރި ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ނޯޓިސް ފޮނުވައިގެން 302 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 105 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ އިތުރުން އެކައުންޓް ފްރީޒްކޮށްގެން 4.60 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް ހޯދާފައެވެ.

މިދިޔަ މަހު މީރާގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑި އިތުރުކުރުމާއި، ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) އާއި، ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އަދި ވާކް ޕާމިޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ.

މިއަދު އޮންލައިން