ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 28.73 ބިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 28.73 ބިލިޔަން ރުފިޔާ ލިބިއްޖެ

މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 28.73 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ އާމްދަނީ މި މިންވަރަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.5 އިންސައްތަ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 22.35 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީ އަދި އިމްޕޯޓް ޑިއުޓީންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 7.71 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.35 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދުވެސް ވަނީ 17 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 30.86 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

ޚަރަދުތަކުގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 26.98 ބިލިޔަން ރުފިޔާ ހޭދަވެފައިވާއިރު، އެންމެ ބޮޑު ހޭދައެއް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. މީގެއިތުރުން، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.88 ބިލިޔަން ރުފިޔާ ހޭދަވެފައިވާއިރު، މި ޚަރަދުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ އިމާރާތް ކުރުމުގެ ދާއިރާގެ މަޝްރޫޢުތަކަށެވެ.

މިއަދު އޮންލައިން