ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ، މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށްފަހު ބޭއްވޭ މުބަރާތެކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ އޮޑިޝަން ބުރު މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
މުބާރާތުގެ ސެމީ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ 11 ސެޕްޓެމްބަރ 2026 ން 14 ސެޕްޓެމްބަރ 2026 އަށެވެ. އަދި ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ 16 ސެޕްޓެމްބަރ 2026 އިން 17 ސެޕްޓެމްބަރ 2026 އަށެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމުޙޫރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.