ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިތުރު 58 ގޮތްޕެއް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިތުރު 58 ގޮތްޕެއް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ޑރ.ޝަހީމް

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމުގެ ގޮތުން، އިތުރު 58 ތަނެއް ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކަފުޅުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ވިދާޅުވީ، އެ މަރުކަޒުގެ ގޮފިތައް މިހާރުވެސް 30 ރަށެއްގައި ޤާއިމްކުރެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 20 ރަށެއްގައި ގޮފިތައް ޤާއިމްކުރުމުގެ މަސައްކަތާއި، 58 ތަނެއް ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މުޅި ރާއްޖެއަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ފެތުރިގެން ދިއުން ކަމަށާއި، އެކަމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޤުރުއާނުގެ ޢިލްމު ފެތުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ތެރެއިން މުބާރާތުގެ ޤަދަރާއި ޝަރަފްވެރިކަން އިތުރުކުރުމަށް އަގުބޮޑެތި އިނާމުތަކެއް ކަނޑައަޅުއްވާފައިވާތީ އެމަނިކުފާނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"މުބާރާތުގައި ވާދަކުރާ ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑު ހިތްވަރުދެން. އަދި ބެލެނިވެރިން ކުރައްވަމުން ގެންދަވާ ބުރަ، އަދި މުހިއްމު މަސައްކަތަށްޓަކައި ބެލެނިވެރިންނަށް ޝުކުރު ދަންނަވަން،" ވަޒީރު ވިދާޅުވިއެވެ.

މިފަހަރުގެ 38 ވަނަ ޤައުމީ ޤުރުއާން މުބާރާތަށް ގިނަ ބަދަލުތަކެއް ގެނެވި ވަރަށް ތަފާތު ގޮތަކަށް ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ގެނެވުނު ބަދަލުތަކުގެ ތެރެއިން އިތުރަށް އިސްލާޙްކުރަންޖެހޭ ބައެއް ކަންކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަހަރަކަށްވުރެ އަހަރެއް މުބާރާތުގެ ކަންކަން އިތުރަށް ތަރައްޤީ ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ޑރ. ޝަހީމް ދެއްވިއެވެ.

މިއަދު އޮންލައިން