ޚުޠުބާ: ޤާނޫނުތައް އެކުލަވާލުމުގައި އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ރިޢާޔަތްކުރުމާއި އިންތިޚާބީ މެނިފެސްޓޯތައް އެކުލަވާލުމުގަ ވެސް އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ޙިމާޔަތްކުރުމަށް އިސްކަންދޭންޖެހޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 15ސ
ޚުޠުބާ: ޤާނޫނުތައް އެކުލަވާލުމުގައި އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ރިޢާޔަތްކުރުމާއި އިންތިޚާބީ މެނިފެސްޓޯތައް އެކުލަވާލުމުގަ ވެސް އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ޙިމާޔަތްކުރުމަށް އިސްކަންދޭންޖެހޭ!

މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގެ ހިދާޔަތުގެ ނިޢުމަތަކީ އިންސާނުންނަށް މާތް ﷲ ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތެވެ. އަހަރެމެންގެ ރާއްޖޭގެ ރައްޔިތުން ޤަރުނަކަށް ފަހު ޤަރުނެއް އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭތާ ނުވަސަތޭކަ އަހަރުވީއެވެ. މި ނުވަ ޤަރުނުގެ ތެރޭގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަމާ އެކު ރާއްޖެ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުންނެވެ. ކުރިއަށް އޮތްތަނުގައި ވެސް ދިވެހީންނަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެވޭނީ އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައިގެންކަމާ މެދު  ޝައްކެއްނެތެވެ.

މުސްލިމް އަޚުންނޭވެ! އިސްލާމްދީނަކީ އިންސާނިއްޔަތަށް މާތް ﷲ ދަރުމަކުރެއްވި ރަޙުމަތުގެ ދީނެވެ. ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބީގެ ދީނެވެ. الله سُبْحَانَهُ وَتَعَالَىއަށް، އެކަލާނގެ އަޅުތަކުން ބޯލަނބައި ކިޔަމަންގަތުމަށް އެކަލާނގެ ރުހިވޮޑިގަންނަވާ ދީނެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دينއެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ."

މުސްލިމް އަޚުންނޭވެ! އިސްލާމްދީނަކީ ޙައްޤުދީން ކަމުން، އެންމެހައި މީސްތަކުން އެ ދީނަށް ވަނުމަށް އިސްލާމްދީން ވަނީ ގޮވައިލައިފައެވެ. އަދި އިސްލާމްދީން ނޫން އެހެން ދީނެއް ޤަބޫލުކޮށްފި މީހާގެ ކިބައިން ﷲ އެ ކަމެއް ޤަބޫލު ނުކުރައްވާނޭކަން ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "دينއެއްގެ ގޮތުގައި إسلام دينނޫން دينއެއް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާގެ ކިބައިން (އެ ކަން) قبولއެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرةގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

މުސްލިމް އަޚުންނޭވެ! މުޖުތަމަޢެއްގައި، އިސްލާމްދީން ދެމިއޮންނާނީ ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް ތަރުބިޔަތުދީގެންނާއި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެންނެވެ. މި ދީނަކީ އެކަކު އަނެކަކަށް އިޙުތިރާމުކޮށް، މީސްތަކުންގެ އަބުރާއި ކަރާމަތާއި ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ގޮވައިލާ ދީނެވެ. އިސްލާމީ މުޖުތަމަޢުން ރަމްޒުކޮށްދެނީ މުސްލިމުންގެ އުޅުމާއި އަޚުލާޤެވެ. މި ޙަޤީޤަތް ކަށަވަރުކޮށްދެއްވައި ލޮބުވެތި ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّـماَ بُعِثْتُ لِأُتَـمِّمَ مَكَارِمَ الْأَخْلاَقِ)[4] މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ  ރިވެތިއަޚުލާޤު ފުރިހަމަކުރެއްވުމަށް ޓަކައެވެ."

މުސްލިމް އަޚުންނޭވެ! ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން އަހަރެމެންގެ ތެރޭގައި ދެމިއޮންނާން ޖެހެއެވެ.  މާވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ހެޔޮ ކަމުގެ މަގަށް ގޮވާ، އަދި ހެޔޮ ކަންތަކަށް أمرކުރާ، އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."

މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގެ މަތިވެރި އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް ޓަކައި މި ޒަމާނުގައި ކުރެވިދާނެ ކަންކަމަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. މި ގޮތުން ޤައުމުގައި އިސްލާމްދީން ދެމެހެއްޓުމުގެ މަޤުޞަދު ޙާޞިލުވާނޭ ގޮތަށް ޤާނޫނީގޮތުންނާއި ސިޔާސީ ފެންވަރުގައްޔާއި ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި ޢުމްރާނީ ތަރައްޤީއާއި ޙަޟާރަތުގެ ތެރެއިން ކުރެވިދާނެ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. އަދި އިސްލާމީ ޝަރީޢަތުގެ ޖިނާއީ، މަދަނީ، ޢާއިލީ، އަދި މާލީ ޙުކުމްތަކާ އެއްގޮތަށް ޤާނޫނުތައް ހަދައި އޭގެ މައްޗަށް ޤަޟާއީ ނިޒާމު ބައްޓަންކުރާން ޖެހެއެވެ. ދިވެހިރާއްޖޭގައި އިސްލާމްދީން މިހައިތަނަށް ވެސް ދެމިއޮތީ މާތް ﷲ ގެ ފަޟުލުވަންތަކަމަށް ފަހު ދިވެހި ދައުލަތުން އެކަމަށް ދިން މުހިންމުކަމުގެ ސަބަބުންނާއި ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ދީން ޙިމާޔަތްކުރެވިފައި އޮތުމުގެ ސަބަބުންނާއި، ދިވެހީންގެ މެދުގައި އިސްލާމް ދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. މިހެންކަމުން މިކަންކަން އިތުރަށް ހަރުދަނާކުރާންޖެހެއެވެ. މީގެއިތުރަށް އިސްލާމީ އުޞޫލުތައް ނެގެހެއްޓުމާއި އިންތިޚާބީ މެނިފެސްޓޯތަކުގައި އިސްލާމީ ޝަރީޢަތުގެ މަޤުޞަދު ޙިމާޔަތްކުރެވޭނޭ ފަދަ ކަންކަން ހިމަނާންޖެހެއެވެ. ހަމައެހެންމެ އިސްލާމީ ޢަޤީދާ ޙިމާޔަތްކުރެވޭނޭ ގޮތަށް ތަޢުލީމީ މަންހަޖު ފަރުމާކުރުމާއި މުޤައްރަރުތައް ހަދައި އޭގެ މައްޗަށް ދަރީން ތަރުބިޔަތުކުރާންޖެހެއެވެ. މީގެއިތުރަށް ޤުރްއާނާ ބެހޭ މަރުކަޒުތަކާއި އިސްލާމީ ތަޢުލީމުދޭ މުއައްސަސާތަކާއި އިސްލާމީ ޔުނިވާސިޓީތަކާއި ކޮލެޖުތައް ޤާއިމުކުރުމާއި އިސްލާމީ ޢިލްމީ ޕުރޮގްރާމުތަކާއި ޙާފިޒުން ބިނާކުރުމާއި އިމާމުންނާއި އިސްލާމީ މުޖުތަމަޢަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަޝްރޫޢުތައް އިތުރުކުރާންޖެހެއެވެ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ޚުލްޤު ހެޔޮ، ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރާ ހެޔޮލަފާ ޞާލިޙު ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން!

މުސްލިމް އަޚުންނޭވެ! ޤައުމުގެ އިސްލާމީ ޢަޤީދާ ޙިމާޔަތްކުރުމަށް ބާރުދިނުމުގެ ގޮތުން، އިސްލާމީ މަރުކަޒުތަކާއި މިސްކިތްތަކާއި އިސްލާމީ ލައިބްރަރީތައް ޤާއިމުކުރެވިދާނެއެވެ. މިއީ މި އަދުގެ ޖީލުގެ ހިތްތަކުގައި އިސްލާމްދީން ސާބިތުކޮށްދިނުމުގެ އިތުރަށް، އަންނާން އޮތް ޖީލުތަކަށް އިސްލާމްދީން ވާރުތަކޮށްދޭނޭ ކަންކަމެވެ. ދީން ޙިމާޔަތްކުރުމުގެ މަޤުޞަދު ދެމެހެއްޓުމުގައި މުޖުތަމަޢުގެ ޒިންމާއަކީ، މާތް ﷲ އެއްކައުވަންތަކުރުމުގެ ޞައްޙަ އަޤީދާ އުނގަންނައިދިނުމާއި ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދެމެހެއްޓުމެވެ. މި ގޮތުން ދީނަށް ގޮވައިލުމުގައި ދީނުގައި ކަނޑައަޅުއްވައިފައިވާ ލުއިފަސޭހަ ގޮތްތަކުގައި ހިފުމާއި، ހަރުކަށި ފިކުރުތަކާ ދުރުހެލިވުމެވެ. އެއްވެސް ޙުއްޖަތެއް ބުރުހާނެއްނެތި މީސްތަކުން ކާފަރުކުރުމާއި ޓެރަރިޒަމަށް ވާގިވެރިވުމާއި މުޖުތަމަޢު ބައިބައިކޮށް މުޖުތަމަޢުގައި ނަފުރަތު އުފެދޭ ގޮތަށް ޢަމަލުކޮށްގެންނުވާނެއެވެ. އިސްލާމް ދީން ޙިމާޔަތްކުރުމަށް ޓަކައި ޖަމާޢީ ގޮތުން އަދާކުރާންޖެހޭ އިސްލާމީ ވާޖިބުތައް ދަމަހައްޓާން ޖެހެއެވެ. މި ގޮތުން ޖަމާޢަތުގައި ނަމާދުކުރުން ފަދަ ކަންކަން ދަމަހައްޓާން ޖެހެއެވެ. އިސްލާމްދީނުގެ ވަރުގަދަކަމާއި މުސްލިމުންގެ ސަފުތައް ބަދަހިކަން ރަމްޒުކޮށްދޭ އިޖުތިމާޢީ އެންމެ ވަރުގަދަ އަސާސަކީ ނަމާދެވެ. މީގެ އިތުރަށް މުޖުތަމަޢުގައި އިސްލާމީ އަޚުލާޤު ދެމެހެއްޓުމާއި ބޮޑެތިމީހުންނަށް ކަމޭހިތުމާއި ކުޑަކުދީންނަށް އޯގާތެރިވުމާއި ޣީބަ ނުބުނުމާއި މީސްތަކުންނަށް ހެޔޮކޮށްހިތުމާއި އަބުރާނުބެހުމާއި ދީނީ އެންމެހައި އަޚުލާޤިއްޔާތު އިޖުތިމާޢީ ގޮތުން ދެމެހެއްޓުމެވެ.

މުސްލިމް އަޚުންނޭވެ! ކޮންމެ ޢާއިލާއަކުން ވެސް އެ ޢާއިލާއެއްގެ ދަރީންނާއި އެންމެހައި އަފުރާދުން އިސްލާމީ ތަރުބިޔަތުގެ މަތީގައި ބޮޑުކުރަން މަސައްކަތްކުރާންވާނެއެވެ. މި ގޮތުން މާތް ﷲ މަޢުރިފާކޮށް ދެނެގަތުމާއި އެކަލާނގެ ރަސޫލާއަށް އީމާންވާން ދަސްކޮށްދިނުމާއި އެކަލޭގެފާނުގެ ޝަޚުޞިއްޔަތުގެ ރިވެތި ސިފަތައް ދަސްކޮށްދީ ނަމާދު ކުރާން ހާނުވާންވާނެއެވެ. އިސްލާމްކަމުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތައް ދަސްކޮށްދޭންވާނެއެވެ. އަދި ޤުރްއާން ކިޔަވަން އުނގަންނައިދީ ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ އާލުބައިތުން ދެކެ ލޯބިވާން ދަސްކޮށްދޭންވާނެއެވެ. ސަބަބަކީ އެ ދަރީންނަކީ މުސްތަޤުބަލުގެ ޖީލެވެ. އިސްލާމް ދީން ދިފާޢުކުރުމުގެ މަސްއޫލިއްޔަތު އުފުލާނީ އެ ދަރީންނެވެ. އިސްލާމްދީން ރައްކާތެރިވުން ބިނާވާނީ އެ ދަރީންނަށް ދީން އުނގަންނައިދިން ގޮތެއްގެ މައްޗަށެވެ. ފަރުދީ ޒިންމާއަކީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަފުސުގައި އިސްލާމްދީނުގެ ޢަޤީދާއާއި ޙުކުމްތައް ހަރުލެއްވުމެވެ. ރަނގަޅު ފަރުދަކީ ރަނގަޅު ޢާއިލާއެއްގެ މުޑުވަކެވެ. ރަނގަޅު ޢާއިލާއަކީ ރަނގަޅު މުޖުތަމަޢެއްގެ ބިންގަލެވެ. ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސެވެ. މި ކަންކަމުގެ މައްޗަށް މާތް ﷲ އަހަރެމެންނަށް ތައުފީޤު ދެއްވާށިއެވެ! އާމީން!

މިއަދު އޮންލައިން