އުންމުލްމުއްމިނީން ޞަފިއްޔަތުގެފާނު ވާހަކަ- 15: ރަސޫލް ޞޢޥ ދެކެ ލޯބިފުޅުވުމުގަ އެންމެ ކުރީގަ ހުންނެވިކަން ހާމަވެގެންދިއަ ބަސްފުޅު ވިދާޅުވުން-

ކިޔުމަށް ހޭދަވާނީ 3މ 34ސ
އުންމުލްމުއްމިނީން ޞަފިއްޔަތުގެފާނު ވާހަކަ- 15: ރަސޫލް ޞޢޥ ދެކެ ލޯބިފުޅުވުމުގަ އެންމެ ކުރީގަ ހުންނެވިކަން ހާމަވެގެންދިއަ ބަސްފުޅު ވިދާޅުވުން-

ޢަލީ އިޙްޞާން ފިރާޤް

 

(ބިޔަށް ފެށުމުގެ ކުރިން ސުވާލެއް ކޮށްލާނަމެވެ.

"އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގަންދީ ދަންނަވަމެވެ. ކަލޭގެފާނަށް ތިޔަ ލިބިވަޑައިގަންނަވާ ވޭންތަކާއި އުނދަގޫފުޅުތައް، ކަލޭގެފާނުގެ ބަދަލުގައި އަޅުގަނޑަށް ލިބޭނަމަ ހާދަ ރަނގަޅުވީހެވެ."

މިފަދަ ޢިބާރާތަކުން ތިމާގެ ބައިވެރިޔާއަށްޓަކައި ﷲ ގަންދީ ބުނެލަން ކެރޭނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟. މަތީގައި މިބަޔާންކުރި ޢިބާރާތުން އުންމުލް މުއްމިނީން ޞަފިއްޔަތުގެފާނު ވިދާޅުވުމުން ކަންތައްވީގޮތް ލިޔުމުން ވިދާޅުވެލައްވާށެވެ!) 

ޙައްޖުގެ އަޅުކަން ނިންމެވުމަށްފަހު އެނބުރި މަދީނާއަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތެވެ.  ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އަށް އާލާސްކަންފުޅެއް ކުރިމަތިވެ، ބަލިތަންމަތިވެވަޑައިގެންނެވި ހާދިސާ ހިނގިއިރު، މުޅި މަދީނާގައި އޮތީ ހާސްކަމާއި ކަންބޮޑުވުމުގެ މާޙައުލެކެވެ. އަޒްވާޖުލް މުޠަހަރާތުގެ އެންމެހައި ބޭކަނބަލުން ވެސް ތިއްބެވީ ނުހަނު ބޮޑަށް ކަންބޮޑުވެވަޑައިގެންފައެވެ. 

އާލާސްކަންފުޅު ބޮޑުވެ، ބަލިތަންމަތިވެވަޑައިގަތުމުން، ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ހުރިހާ އަނބިއަނބިކަނބަލުންގެ ރުހުމާއި ހުއްދަޔާއެކު، ސައްޔިދާ ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ގެ ކޮޓަރިކޮޅަށް ބަދަލުވެވަޑައިގަތެވެ. ހުރިހާ އުއްމަހާތުލް މުއުމިނީން ބޭކަނބަލުން އެކަލޭގެފާނަށް ބޭނުންފުޅުވާ ޚިދުމަތްތައް ކޮށްދެއްވުމަށާއި ޙާލުކޮޅު ބެއްލެވުމަށް އެތަނަށް ވަޑައިގަންނަވަމުން ގެންދެވިއެވެ. ޞަފިއްޔަތުގެފާނުވެސް ވަރަށް ގިނައިން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅަށް ވަޑައިގެން އުޅުއްވައެވެ. ޞަފިއްޔަތުގެފާނަކީ ވަރަށް ހިތްޕުޅު މަޑު، އަދި އެހެން މީހުންގެ އިޙްސާސްތައް ދެނެވަޑައިގަންނަވާ ބޭކަނބަލެކެވެ. ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވި އާލާސްކަންފުޅުގައި އެކަލޭގެފާނުގެ ޙާލުކޮޅު ވަރަށް ބޮޑުވި ދުވަހަކު، ޞަފިއްޔަތުގެފާނު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ.  

"އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގަންދީ ދަންނަވަމެވެ. ކަލޭގެފާނަށް ތިޔަ ލިބިވަޑައިގަންނަވާ ވޭންތަކާއި އުނދަގޫފުޅުތައް، ކަލޭގެފާނުގެ ބަދަލުގައި އަޅުގަނޑަށް ލިބޭނަމަ ހާދަ ރަނގަޅުވީހެވެ."

އޭރު އެތަނުގައި ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންވެސް ތިއްބެވިއެވެ. އެކަމަނާ އެފަދައިން ވިދާޅުވުމުން، އެ ބޭކަނބަލުން ހިތްޕުޅު ހަމަޖެހިވަޑައިނުގެން، އެއް ބޭކަނބަލަކު އަނެއް ބޭކަނބަލަކަށް ލޯފުޅުން އިޝާރާތް ކުރައްވަން ފެއްޓެވިއެވެ. އެހިނދު ރަސޫލާ صلّى اللّـه عليه وسلّم އެ ބޭކަނބަލުންނަށް ބައްލަވައިލެއްވުމަށްފަހު ޙަދީޘް ކުރެއްވިއެވެ.  

[ތިޔަބޭކަނބަލުން ވަޑައިގެން ތިޔަބޭކަނބަލުންގެ އަނގަފުޅުތައް ދޮންނަވާށެވެ!]

 އެ ބޭކަނބަލުން ދެންނެވިއެވެ.

[އޭ ﷲ ގެ ނަބިއްޔާއެވެ! އެއީ ކޮންކަމަކާހުރެތޯއެވެ؟]

 ޙަދީޘް ކުރެއްވިއެވެ.

[ޞަފިއްޔާ ވިދާޅުވި ބަސްފުޅަށް ތިޔަބޭކަނބަލުން ނުރުހުންތެރިކަން ފާޅުކުރައްވައި، އެއްބޭކަނބަލަކު އަނެއްބޭކަނބަލަކަށް ލޯފުޅުން އިޝާރާތް ކުރެއްވުމުންނެވެ. މާތް ﷲ ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން ޞަފިއްޔާ އެ ވިދާޅުވީ ތެދު ބަސްފުޅެކެވެ. އެކަމަނާއަކީ ތެދުވެރި ބޭކަނބަލެކެވެ] (އިބްނު ސަޢުދު، 1995، ޞ. 91). 

ދީނީ އަދި އިސްލާމީ ތަރުބިއްޔަތުގެ މާތް މަސްއޫލިއްޔަތު ފުރިހަމަކުރެއްވުމަށްފަހު، اللَّه ތަޢާލާ އެކަލާނގެ ލޮބުވެތި ރަސޫލާ صلّى اللّـه عليه وسلّم ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހު، ރަފީޤުލް އަޢުލާއަށް ގެންދެވިއެވެ. އެ ހިތާމަވެރި ވަގުތު ޞަފިއްޔާ ބިންތި ޙުޔައްޔު (ރަޟިޔަﷲ ޢަންހާ) ގެ ޢުމުރުފުޅަކީ އެންމެ 21 ނުވަތަ 22 އަހަރެވެ. އެއީ އެކަމަނާގެ އެންމެ ޒުވާން ޢުމުރުފުޅެވެ. އެކަމަނާގެ ލޮބުވެތި ފިރިކަލުން، ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އާއެކު ކައިވެނީގެ ބާއްޖަވެރިކަމުގައި ހޭދަކުރެއްވުނީ އެންމެ 4 އަހަރެވެ.

 

މިއަދު އޮންލައިން