ޤައުމީ ތަރައްޤީއާއި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާވުމަކީ ރާއްޖޭގެ މުސްތަޤުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޤައުމީ ތަރައްޤީއާއި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާވުމަކީ ރާއްޖޭގެ މުސްތަޤުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް: ޚާރިޖީ ވަޒީރު

ޤައުމީ ތަރައްޤީއާއި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާވުމަކީ ރާއްޖޭގެ މުސްތަޤުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގައި ހުންނަ އެކުވެރި އަރަބި އިމާރާތުގެ އެމްބަސީ ގުޅިގެން ބޭއްވި ޚާއްޞަ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ވަނީ ޔޫއޭއީ ބިނާކުރުމުގައި އެ ޤައުމުގެ އަންހެނުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އެގޮތުން އެ ޤައުމުގެ އިސް މަޤާމުތަކުގެ 55 އިންސައްތައަށް ވުރެ ގިނައީ އަންހެނުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި 91 އަންހެނުން މިހާރުވެސް މަސައްކަތްކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން 6 ބޭފުޅުންނަކީ އެކި ޤައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުން ކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަކީ ވަރުގަދަ އަދި އެންމެން ޝާމިލުވާ ފުދުންތެރި ޤައުމެއް ބިނާކުރުމުގެ ވަރަށް މުހިންމު ބައެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކޮންމެ އަންހެން ކުއްޖަކަށްވެސް އުނގެނުމާއި، އިސްނެގުމާއި އަދި ކާމިޔާބީ ހޯދުމަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދޭނޭފަދަ ނިޒާމެއް ބިނާކުރަންޖެހޭ ކަމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި އެކި ދާއިރާތަކަށް ޔޫއޭއީ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން