މަސްތުވާތަކެތި ބޭނުންކުރަން ތަންދޭ މީހުންނަށް ޖަލު ހުކުމް އިއްވަން ފެށުމަކީ މުހިންމު ކާމިޔާބީއެއް: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މަސްތުވާތަކެތި ބޭނުންކުރަން ތަންދޭ މީހުންނަށް ޖަލު ހުކުމް އިއްވަން ފެށުމަކީ މުހިންމު ކާމިޔާބީއެއް: ވަޒީރު އިޙްސާން

މަސްތުވާތަކެތި ބޭނުންކުރާ ތަންތަނުގެ ގޮތުގައި ބޭނުންކުރާ ތަންތަނުގެ ވެރިފަރާތްތަކާއި އެފަދަ ތަންތަން ފޯރުކޮށްދޭ މީހުންނަށް ޖަލު އަދަބު ކަނޑައެޅޭ ގޮތަށް ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ފުރަތަމަ ފަހަރަށް މީހަކަށް ޖަލު ޙުކުމް އިއްވުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ޢަލީ އިޙްސާން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ ތަންތަން (ޑްރަގް ޑެންސް) ހިންގަން ތަންދޭ ނުވަތަ އެފަދަ ތަންތަނުގެ ވެރިފަރާތްތަކަށް ޖަލު އަދަބު ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި މި އައު މާއްދާގެ ދަށުން ކޯޓުން މިއަދު ފުރަތަމަ ފަހަރަށް ޖަލު ޙުކުމެއް އިއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ކާމިޔާބީއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ފުލުހުންގެ އޮފިސަރުން ކުރެއްވި ތަޙުޤީޤީ އަދި ތަންފީޛީ މަސައްކަތްތަކަށް ވަޒީރު ވަނީ ތަޢުރީފު ކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، މިއީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށާއި، މި ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއަދު އޮންލައިން