ދެ އުޅަނދު އޮޔާދިއުމުގެ ތެރޭގައި ސިނަމާލެ ބްރިޖަށް އުރުނު ހާދިސާއާ ގުޅިގެން ބްރިޖުގެ މައިގަނޑު އޮނިގަނޑަށް އެއްވެސް އަސަރެއް ކޮށްފައި ނުވި ނަމަވެސް، ކުދިކުދި ރެނދުތަކެއް އަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ހާމަކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސުން ގޯސްވެ، ވައި ބާރުވުމުގެ ސަބަބުން މި އުޅަނދުތައް ކޮންޓްރޯލުން ނެއްޓިގެން ދިޔައީ ނަގިލި ކަހާލައިގެންނެވެ.
އިންސްޕެކްޝަނުން ދެއްކި ގޮތުގައި ބްރިޖުގެ މައި އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ކުދި ރެނދުތައް ފެންނަން ހުރި ކަމަށް ވަޒީރު މުއްތަލިބް ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައިވާ މޮނިޓަރިންގ އަދި މެއިންޓެނަންސް އެއްބަސްވުމުގެ ދަށުން، އެސް.އެޗް.އީ.ސީ އިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ މަރާމާތުތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ހާދިސާއަކީ ވަރަށް ބޮޑު ނުރައްކަލަކުން ސަލާމަތްވި ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިފަދަ ހާދިސާތަކުގެ ސަބަބުން އެ ސަރަހައްދުގެ މުހިންމު އަދި ނާޒުކު އުމްރާނީ ވަސީލަތްތަކަށް ނުރައްކާ ވެދާނެ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ބުނެފައިވަނީ ދެ އުޅަނދު ފަރަށް އެރި މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި މި ހާދިސާގައި މާލޭގެ ފަރަށާއި ސިނަމާލެ ބްރިޖަށް ލިބިފައިވާ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ތެޔޮއުފުލާ މި ދެ ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ބޯޓަށް ވުމާއެކު، މި ދެ ބޯޓު ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.