ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެޤައުމުގެ ދެމެދުގައި ވިސާއަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެކުލަވާލި އެއްބަސްވުމުގެ ޑްރާފްޓަށް ބެލަރޫސްގެ ރައީސް އަލެކްސަންޑާ ލުކަޝެންކޯ ރުހުން ދެއްވައިފިއެވެ.
ބެލަރޫސްގެ ރިޔާސީ ގަނޑުވަރުން މަޢުލޫމާތު ދިން ގޮތުގައި، ރައީސް ނެރުއްވި ޤަރާރުގެ ދަށުން ދިވެހިރާއްޖެއާއެކު އިތުރަށް މަޝްވަރާކޮށް މި އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރިހަމަ ބާރު އެ ޤައުމުގެ ފޮރިން މިނިސްޓްރީއަށް މިހާރު ވަނީ ދެއްވާފައެވެ. އަދި މި އެކުލަވާލެވުނު ޑްރާފްޓަކީ ކުރިމަގުގައި ދެޤައުމުގެ ދެމެދުގައި ކުރިއަށްދާނެ ރަސްމީ މަޝްވަރާތަކުގެ މައިގަނޑު ބިންގާ ކަމުގައިވެސް އެ ޤައުމުގެ ރިޔާސީ ގަނޑުވަރުން ބަޔާންކޮށްފައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށް ރަސްމީކޮށް ތަންފީޒުވާން ފެށުމުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް އެއްވެސް ވިސާއަކާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމާއި، ޓްރާންސިޓްވުމުގެ ފުރިހަމަ ފުރުޞަތު ފަހިވެގެންދާނެއެވެ.