ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން ބައްސާމް އުމުރަށް އެކަހެރިކޮށް، 1.2 މިލިއަން ޑޮލަރުން ފީފާއިން ޖޫރިމަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން ބައްސާމް އުމުރަށް އެކަހެރިކޮށް، 1.2 މިލިއަން ޑޮލަރުން ފީފާއިން ޖޫރިމަނާކޮށްފި

ކޮވިޑް-19 އާ ގުޅިގެން ލިބުނު އެހީގެ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ ބޭނުމަށް ހޭދަކުރި މައްސަލާގައި، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން އުމުރަށް އެކަހެރިކޮށް، 1.2 މިލިއަން ޑޮލަރުން ފީފާއިން ޖޫރިމަނާކޮށްފިއެވެ. ކޮރަޕްޝަނާއި، ޚިޔާނާތް އަދި މަނީ ލޯންޑަރިންގ މައްސަލަތަކުގެ ތަހުގީގުތަކާ ގުޅިގެން މީގެކުރިންވެސް އޭނާ ހުރީ ފީފާގެ ވަގުތީ ސަސްޕެންޝަނެއްގައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ބައްސާމް އެއް މިލިއަން ސްވިސް ފްރޭންކް (1.23 މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކުރުމަށް ނިންމާފައެވެ. މީގެއިތުރުން، އެފްއޭއެމްގެ ހަރަދުތަކަށް 2018 ވަނަ އަހަރު ފީފާއިން ފޮނުވި 10،000 ޑޮލަރު ވެސް، އެކި ލިޔެކިޔުންތައް ބޭނުންކޮށްގެން ބައްސާމުގެ އަމިއްލަ އެކައުންޓަށް ބަދަލުކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

ފީފާއިން ދިން ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމާއި، ކޮވިޑް ރިލީފް ފަންޑުގެ ފައިސާއިން އެޕާޓްމަންޓެއް ބައްލަވައިގަތް މައްސަލައިގައި ބައްސާމް މިހާރުވެސް ގެންދަވަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅަމުން، އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރ މުޙައްމަދު އަޤީލް 10 އަހަރުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ފީފާއިން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން