އަހުރެން ފުރަތަމަ ކިޔައިދޭނީ ޙާދިސާއެކެވެ. ރަނގަޅަށް އަޑުއަހާށެވެ!
އެއީ ވަރަށް ފަޤީރު ޢާއިލާއެއްގެ ކުއްޖެކެވެ. ނަމަވެސް ވަރަށް ރީތި އަދި އަޚްލާޤްވެސް ރަނގަޅު ކުއްޖެކެވެ. އޭނާދެކެ ލޯބިވި ތަނަވަސް ޢާއިލާއެއްގެ ޒުވާނަކު ކައިވެނިކޮށްގެން އޭނާ ގެންދިއައީ އޭނާގެ މައިންބަފައިންގެ ގާތަށެވެ.
ފިރިމީހާ އޭނާދެކެ ލޯބިވެއެވެ. ނަމަވެސް މައިދައިތަ އޭނާ ބަލައެއް ނުގަތެވެ. އެހެންވެ ޢޭނާއާއިމެދު ކަންކަން ކުރަމުން ގެންދިއައީ ވަރަށް އަނިޔާވެރިކޮށެވެ. އެހެންވެ އަނބިމީހާ އޭނާގެ ފިރިމީހާގެ ކިބައިން އެދުނީ ވަކިން ދިރިއުޅެވެން ނެތްނަމަ ވަރިކޮށްދިނުމަށެވެ.
ފިރިމީހާ އަނބިމީހާގެ ބަސް ޤަބޫލުކުރިއެވެ. ތަނެއް ކުއްޔަށް ހިފައި އެތަނަށް ބަދަލުވާން އުޅުމުން މަންމަ ބުނީ މިއަދުން ފެށިގެން ދަރިފުޅަށް އެއްވެސް އެހީއެއް ނުވާނެ ކަމަށެވެ. އަދި އަނބިމީހާ ގެއިން ގެންދެވޭނީ ކައިވެންޏަށް ޚަރަދުކުރި އެއްލައްކަ ރުފިޔާ ދިނީމައި ކަމަށެވެ. އެފައިސާ ދައްކަން މުއްދަތަކަށް އެދުމުންވެސް ބުނީ އެންމެ ދުވަހެއްވެސް ނުދެވޭނެ ކަމަށެވެ. މަންމަ އެގޮތަށް ބުނީ ދަރިފުޅަށް އެފައިސާ ދެއްކޭނެ ގޮތެއް ނުއޮންނާނެކަމަށް ވިސްނައިފައެވެ.
ދަރިފުޅު ބުންޏެވެ. "މަންމާއެވެ. އެޚަރަދުކުރީ އަހުރެން އެދިގެނެއް ނޫނެވެ. އެހެންކަމަށްވާއިރުވެސް އެއީ ދަރަންޏަކަށްވާނީ ކިހިނަކުން ހެއްޔެވެ؟" މަންމަގެ ޖަވާބަކަށްވީ ބޭކާރު ވާހަކަ ނުދެއްކުމެވެ.
އެވަޤުތު ދެމަފިރިން އެކުގައި އަތް އުފުލައި ދުޢާކުރިއެވެ. "ޔާ ﷲ! އަޅަމެންނަށް ވަކިވާން ނުޖެހި އެކުގައި ދިރިއުޅެވޭނެ މަގެއް ދައްކަވާނދޭވެ! މަންމައަށް ހެޔޮ ވިސްނުން ދެއްވަވާނދޭވެ!" އާމީން
އަތްތިރިކޮށްލިތަނާ ބެލްޖެހުމުން ހުޅުވިއިރު އައިސް ހުރީ ބޮޑުބޭބެއެވެ. ބޮޑުބޭބެ ވައްދައި މަންމަ ބޭނުންވާ ގޮތަށް ވާހަކަތައް ކިޔައިދިނުމުން ދެމަފިރިންނާއި ސުވާލުކޮށް އެމީހުންގެ އަޑުވެސް އެހުމަށްފަހު ބޮޑުބޭބެ ބުންޏެވެ. "ބަލަ ތިއަ ކައިވެންޏަށް ޚަރަދުކުރީ އަހުރެން ނޫން ހެއްޔެވެ؟ ކޮއްކޮމެން ދެކުދިން އަވަހަށް ނުކުމެގެންދާށެވެ. ކޮއްކޮ ދެރަ ނުވާށެވެ! ކޮއްކޮގެ މަންމަ ކޮއްކޮއަށް ދިން މުސާރައަށްވުރެ ބޮޑު މުސާރައެއްވެސް ދޭނަމެވެ. ބޮޑުބެގެ އެހެންދަރިންނާއި އެއްގޮތަށް ހެޔޮކޮށްހިތާނަމެވެ. ދެކުދިން ޕެކްކޮށްލައިގެން ނުކުންނާށެވެ. ގެންދާނީވެސް ބޮޑުބެއެވެ."
މަންމަ ކަޅި ހުއްޓި، ކުޅުހިކިފައި ހުރީއެވެ. ބުނާނެ ބަހެއްވެސް ނުއެނގުނެވެ.
މިފަދަ ކިތަންމެ ޙާދިސާއެއްވެސް ކިޔައިދީފާނަމެވެ. ޔަޤީންކުރާށެވެ! ދެމަފިރިން އިޚްލާޞްތެރިވެފައި ﷲ ތަޢާލާއަށް ކިޔަމަންތެރިނަމަ އެބައަކު ﷲ ތަޢާލާ ނިކަމެތި ނުކުރައްވަވާނެތެވެ. އެދެމަފިރިންނަކީ އިޚްލާޞްތެރިވުމުގެ އިތުރަށް ތަޤްވާވެރިކަމުގައިވެސް ވަރަށް ކުރީގައި ތިބި ދެމަފިރިންނެވެ. އެކުގައި ތަހައްޖުދުނަމާދުކޮށް ދުޢާކުރާ ދެމަފިރިންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން