ވިޔަފާރިން ގެއްލުންވާން ފެށީމާ ނިކަމެތިކޮށްލެވުނު އަނބިމީހާއާ އަލުން ކައިވެނިކޮށް އަނބިމީހާއަށާ ދަރިފުޅަށް ހެޔޮކޮށްހިތުމުން ކުރިއެރުން ލިބުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ވިޔަފާރިން ގެއްލުންވާން ފެށީމާ ނިކަމެތިކޮށްލެވުނު އަނބިމީހާއާ އަލުން ކައިވެނިކޮށް އަނބިމީހާއަށާ ދަރިފުޅަށް ހެޔޮކޮށްހިތުމުން ކުރިއެރުން ލިބުނު މީހެއްގެ ވާހަކަ-

ނިކަމެތި އަންހެނަކަށް ދެރައެއް ދިނީމާ ބަދަލުހިފަން އޭނާއަށް އެއްވެސް ކަމެއް ނުކުރެވިދާނެއެވެ. އެހެންވެ ނިކަމެތިންނަށް ދެރަދޭން ގިނަ ބައަކު ޖެހިލުމެއް ނުވެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ނިކަމެތިން ނިކަމެތިކުރީމާ އެމީހުން ކުރާ ދުޢާގެ ބާރު ވަރަށް ގަދަވާނެއެވެ.  

ފަޤީރު ނިކަމެތި ކުދިންގެ ހިތުގައި ޖައްސުވައި ދެރަގޮތްތައް ހެދީމާ ލިބޭނެ ދެރަ މާބޮޑުވާނެއެވެ. ޚާއްޞަކޮށް ދަރިއަކު ލިބުމުން އެދަރިފުޅާއިއެކު ނިކަމެތިކޮށްލާ ގިނަ މީހުންނަށް އޮންނަނީ ދުނިޔޭގައިވެސް ކަރުނައަޅަންޖެހިފައެވެ.  

މިވާހަކައިގައި ހިމެނޭ ބައްޕަގެ ނަޞޭޙަތަކީ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް އަގުހުރި ނަޞޭޙަތެކެވެ. ސަތޭކައިން ސަތޭކައިގެ ނަޞޭޙަތެކެވެ. އަދި އެޒުވާނާއަށް ކަންކަން މެދުވެރިވި ގޮތަކީވެސް އަގުހުރި ފިލާވަޅެކެވެ. ވާހަކަ ވިދާޅުވެލައްވާށެވެ!  

އަޅުގަނޑު ނިޞްބަތްވަނީ ތަނަވަސް ޢާއިލާއަކަށެވެ. އަޅުގަނޑު ކިޔަވައި ނިމުމުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތް ހަދައިދިނެވެ. އެކަނި އުޅޭނެ ގެއެއް ދިނެވެ. މުދަލާއެކު ފިހާރައެއް ދީ އަމިއްލައަށް ކުރިއަށް ދެވޭނެ މަގު ދައްކައިދިނެވެ.  

ހުރިހާ ކަމެއް ފުދުމުން ކައިވެންޏެއް ކުރީމެވެ. އެއީ ރީތި ކުއްޖެކެވެ. އަޚްލާޤްވެސް ރަނގަޅު ކުއްޖެކެވެ. ނަމަވެސް ފަޤީރު ޢާއިލާޢަކަށް ނިޞްބަތްވާ ކުއްޖެކެވެ. ޢާއިލާގައި ތިބެނީވެސް ވަރަށް މަދު ބައެކެވެ. 

އެފަދަ ކުއްޖަކާއި ކައިވެނިކުރެވުމުން ލޯބިން އެކުއްޖާއާއިއެކު ދިރިއުޅުމުގެ ބަދަލުގައި އަޅުގަނޑަށް އިޚްތިޔާރުކުރެވުނީ ދިމާއިދިކޮޅެވެ. އަޅުގަނޑަށް އޭނާ ގެންގުޅެވުނީ އަޅު އަންހެނަކު ގެންގުޅޭ އުޞޫލުންނެވެ. އަބަދުހެން ބެއިންދުނީ ހިތުގައި ޖައްސުވައި ރޮއްވައިފައެވެ. ދަރިއަކު ލިބުމުން މާބޮޑަށް ފޫހިވެ ވަރިވެސްކޮށްލީމެވެ. ހިލޭ އަންހެންކުދިންނާއިއެކު ވަގުތުތއް ހޭދަކުރަން ފެށީމެވެ.  

އަހަރެއްހައި ދުވަސްފަހުން ވިޔަފާރި ދަށަށްދާންފަށައިފިއެވެ. ދުވާލަކު ފިހާރައަށް ލިބޭވަރު ދެގުނައަށް މަދުވެއްޖެއެވެ. ބޭންކުން ނަގާފައިވާ ލޯނުތައް ދައްކަން ދަތިވާން ފަށައިފިއެވެ. އެޙާލަތަށް ކަންކަން ދިއުމުން ގޮސް ބައްޕަމެންނާއި މަޝްވަރާކޮށްލީމެވެ. އެއީ ބައްޕައަތުން އިތުރު ފައިސާކޮޅެއް ހޯދުމުގެ ބޭނުމުގައެވެ.  

އަޅުގަނޑުގެ ވާހަކަތައް އަޑުއަހާފައި ބައްޕަ ބުނީ ފުރަތަމަ ކަމަކަށްވެސް އަޅުގަނޑުގެ ދަރިފުޅުގެ މަންމަ އާއި އަލުން ކައިވެނިކޮށް އޭނާއަށް ހެޔޮކޮށް ހިތުމަށެވެ. އުޅުން އިޞްލާޙްކުރުމަށެވެ.  

"ދަރިފުޅާއެވެ! އަހަރެމެން ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ތަނަވަސްކަން ދެއްވަވަނީ ﷲ އެވެ. ވީމާ އަމަލުތައް އިޞްލާޙްކުރާށެވެ. ދަރިފުޅުގެ އަނބިމީހާ ހިތުގައި ޖައްސަން ކުރާ ކޮންމެ ކަމެއް އެކަލާނގެ ބައްލަވައިވޮޑިގެންވެއެވެ. މިއަދުވެސް ނިކަން ގޮސް އޭނާ އާއި ބައްދަލުކޮށްބަލާށެވެ. އޭނާ އިންނާނީ ގޭގައި ރޯށެވެ. ދަރިފުޅު ހިތަށް އަރަނީ އޭނާގެ ހިތުގެ އިޙްޞާޞްތައް ﷲ ދެނެވޮޑިގެންނުވާ ކަމަށް ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ.  

އަދި ބުނަންހެއްޔެވެ؟ ޖަމާޢަތުގައި 5 ނަމާދުކުރާ މީހަކަށްވާށެވެ! ކުރެވުނު ކުށްތަކަށް ތައުބާވެ ފާފަފުއްސަވައިދެއްވެވުން އެދި ދުޢާކުރާށެވެ. އެކަންކަން ނުކުރާނަމަ ބައްޕަ ކިތަންމެ ގިނަ ފައިސާތަކެއް ދިނަސް ކުރިއެރުމެއް ނުލިބޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ ކަންކަމުން ސަލާމަތް ނުވެވިގެންނެވެ."

ބައްޕަގެ ނަޞޭޙަތް ޤަބޫލުކުރީމެވެ. ބައްޕަމެން ގާތުން ނުކުމެގެން ދިއައީ އަނބިމީހާގެ ގެއަށެވެ. އަނބިމީހާ އާއި ބައްދަލުކޮށް މާފަށް އެދުނީމެވެ. އަދި ހަމަ އެދުވަހު ފޯމުލައިގެން އަނެއް ދުވަހު އަލުން ކައިވެނިވެސްކުރީމެވެ. ބައްޕަ ދިން ނަޞޭޙަތާއި އެއްގޮތަށް ކަންކަން ކުރަން ފެށީމެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވަން އޮތީ އަޅުގަނޑުގެ ޢަމަލުތައް އިޞްލާޙްކުރިތާ 3،4 މަސްވީއިރު ހެޔޮ ބަދަލުތައް ފެންނަން ފަށައިފިއެވެ. މަޑުމަޑުން ފިހާރައިގެ ސޭލްސް އިތުރުވާން ފަށައިފިއެވެ. އަހަރެއްހައި ދުވަހުގެ ތެރޭގައި ހަމަ ކުރިއާއި އެއްގޮތަކަށް ހުރިހާ ކަންކަންވެސް ބަދަލުވެއްޖެއެވެ.  

މިބާވަތުގެ ވާހަކަތައް ޤަބޫލުނުކުރާނެ ބައަކުވެސް އުޅޭނެއެވެ. ޤަބޫލުކުރާނެ ބައަކުވެސް އުޅޭނެއެވެ. އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑުގެ އަމިއްލަ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. ޢިބްރަތް ޙާޞިލުކުރަން ބޭނުން މީހަކު ޢިބްރަތް ޙާޞިލުކުރާށެވެ!  


- ޢަލީ އިރުފާން / މިއަދުނޫހުގެ ކިޔުންތެރިއެއް   

- ޢުބްރަތްތެރި ވާހަކަ

މިއަދު އޮންލައިން