އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ލުއިވާން އޮތީވެސް ނަމާދުކުރިވަރަކުންނެވެ. ނަމާދުކުރުމަކީ އެމީހެއްގެ ހުރިހާ ކަމަކަށް ލުއިފަސޭހަކަމާއި ކުރިއެރުން ލިބިގެންދާ ކަމެކެވެ. ނަމަވެސް ގިނަ ބައަކަށް ޢަމަލުކުރެވެނީ އެގޮތަކަށް ނޫނެވެ. ނަމާދަށް އިސްކަންދިނުމުގެ ބަދަލުގައި ޖައްސައިލެވެނީ ފަހަތަށެވެ. ވީމާ މިގެނެސްދެނީ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތެވެ. އިން ޝާ ﷲ
- އަޅުގަނޑަކީ އޯޑަރަށް ކާބޯތަކެތި ތައްޔާރުކުރާ އަންހެނަކީމެވެ. ބަދިގޭގައި ގިން ވަޤުތުތަކަކު އުޅެންޖެހޭތީ ފެންނުވަރައި ނަމާދުކުރަން ހިތްހަމައެއް ނުޖެހެއެވެ. އެހެންވެ ފެންނުވެރިގެން ހުއްޓައި ބައެއް ދުވަސްދުވަހު ޢަޞްރުވަޤުތު އެބަޖެހެއެވެ.
- އަޅުގަނޑަކީ ކުޑަ 3 ދަރިން ބަލަމުން ގޭތެރޭގެ ކަންތައްތައް އެކަނި ކުރަންޖެހޭ އަންހެނަކީމެވެ.
މިބާވަތުގެ ކަންކަމާއި ގުޅުވައިގެން ދެން މިކުރާ ސުވާލަކީ ވަޤުތު ފާއިތުވާއިރު ނަމާދު ނުކުރެވިއްޖެނަމަ ފާފަވެރިވާނެތޯއެވެ؟
ކިޔުންތެރިންގެ މިފަދަ ސުވާލުތަކަށް ޝައިޚް ޝާފިޢުގެ މި ބަސްފުޅުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ނަމާދަކީ އޭގެ ވަޤުތުގައި އަދާކުރަންޖެހޭ އަޅުކަމެކެވެ. إِنَّ الصَّلاَةَ كَانَتْ عَلَى الْـمُؤْمِنِينَ كِتَابًا مَّوْقُوتًا- النساء 103 މާނައީ: "ހަމަކަށަވަރުން ނަމާދަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައި ވިޔެވެ." (އައްނިސާ: 103)
ނަމާދު އެޅުމަށް އެއްވެސް ޢުޛުރެއް ނޯވެއެވެ. ނަމާދު ވަޤުތުން ފާއިދުވެދާނެ އޮންނަނީ މަޤްބޫލު ދެ ޢުޛުރެކެވެ.
1- ނިދުމާއި 2- ހަނދާން ނެތުމެވެ.
ނަމާދު އޭގެން ވަޤުތުން ފަސްވުމަށް މި ދެ ޢުޛުރު ފިޔަވައި އެހެން ޢުޛުރެއް ނުވާއިރު، ގޭތެރޭގެ ކަންތައްތަކާއި ދަރީންގެ ކަންކަން ތަރުތީބު ކުރުމުގައި އަބަދުވެސް ނަމާދަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތެއް ގެންގުޅެން ޖެހެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّـهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُولَـٰئِكَ هُمُ الْخَاسِرُونَ – المنافقون 9
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް، ﷲ ހަނދުމަކުރުމުން ތިޔަބައިމީހުން މަޝްޣޫލު ދުރުކުރިޔަ ނުދޭހުށިކަމެވެ. އަދި އެކަންތައްކުރާ މީހާ (ދަންނާށެވެ.) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ." (އަލްމުނާފިޤޫން: 9) އެހެންކަމުން ގޭތެރޭގެ ކަންތައްތަކާއި ދަރީންގެ ކަންކަމުގައި މަޝްޣޫލުވާމީހުން، ދަރީން ގޮވައިގެން ނަމަވެސް، ދަރިފުޅު އުރައިގެން ނަމަވެސް، ނުވަތަ އެހެން މީހަކާ ދަރިފުޅު ޙަވާލުކޮށްގެން ނަމަވެސް، އެ ދަރީން ދެއްވި ﷲ އަށް އަދާކުރަން ޖެހޭ ޙައްޤު އެ ކަނޑައަޅުއްވާފައިވާ ވަޤުތުގައި އަދާކުރަން ޖެހޭނެއެވެ. އެހެން ނޫނީ ފާފަވެރިވާނެއެވެ. ވަﷲ އަޢުލަމު.
- الشيخ محمد شافع