އެބަޔަކާއިއެކު އެއްގޮތަކަށްވެސް އެކަހެރި ވެގެން ނުވާނެ 4 ބާވަތެއްގެ މީހުންތިބެއެވެ.
ކިތަންމެ ހިތްހެޔޮވި ނަމަވެސް، ކިތަންމެ އެކުވެރިވި ނަމަވެސް އަދި ކިތަންމެ އިތުބާރު ކުރެވޭހެން ހީވިނަމަވެސް އެފަދަ މީހުންނާ އެކު އެކަހެރި ނުވާށެވެ. ސަބަބަކީ ދުނިޔެއަކީ ކަންބަޅީގެ ހެދުން އަޅައިގެން އުޅޭ ހިޔަޅުތަކުން ފުރިގެންވާ ތަނެކެވެ. ގިނަ އަންހެން ކުދިންނަށް މިކަން ތަޖުރިބާ ކުރެވިފައިވާނީ އެންމެ ހިތްދަތި ގޮތަށެވެ.
1- މާބޮޑަށް ރަހުމަތްތެރިކޮށް އުޅޭ އުމުރުން ދުވަސްވީ މީހުން:
އެއީ އަވަށްޓެރިއެއްވިޔަސް، އާއިލީ ރަޙްމަތްތެރިއެއްވިޔަސް، މުދައްރިސެއް ވިޔަސް އަދި ދީނީ މީހެއްނަމަވެސް، އެމީހަކު ތިބާއަށް އާދަޔާ ޚިލާފަށް ޝައުޤުވެރިކަން ބަހައްޓާނަމަ، ގިނަ ގިނައިން ތިބާގެ ބުރުސޫރައަށް ތަޢުރީފު ކުރާނަމަ، ހަދިޔާފަދަ އެއްޗެހި ގަނެދޭނަމަ، ބައެއް ވަހަކަތައް ސިއްރު ކުރަން ބުނާނަމަ އަދި އެކަހެރިވެ ވަގުތު ހޭދަކުރަން މަސައްކަތް ކުރާނަމަ ސަމާލުވާށެވެ. އެފަދަ މީހުންނާ ދުރުހެލިވާށެވެ.
2- ތިބާގެ ރަޙްމަތްތެރިޔާގެ ބޮޑު ބޭބެއެއް ނުވަތަ ތިމާގެ މީހުން:
އެމީހުން ނިސްބަތްވަނީ ތިބާ އިތުބާރު ކުރާ އާއިލާއަކަށް ވުމަކީ ތިބާ އެމީހުންނާއިއެކު އެކަހެރިވާން ޖެހޭ ސަބަބަކަށް ނުވެއެވެ. އަދި އެމީހުންނަށް އިތުބާރު ކުރާކަށްވެސް ނުޖެހޭނެއެވެ. ތިބާގެ އެކުވެރިޔާ ކޮޓަރިން ނިކުތުމުންވެސް ތިބާ މަޑުކުރަން އޭނާގެ ބޮޑު ބޭބެ ބުނެފާނެއެވެ. ތިބާއާއި އެކު އެކަނި ދުއްވާލަން ދާން އެދި ފާނެއެވެ. ތިބާ ބުނާތަނަކަށް ގެންގޮސްދޭންވެސް ބޭނުންވެދާނެއެވެ. އަމިއްލަ ތަނަކަށް އައުމަށް ދައުވަތުވެސް ދީފާނެއެވެ. މިފަދަ ހާލަތްތަކުގައި ރީތިގޮތުގައި އެކަމަށް އިންކާރު ކުރުމަށްފަހު އަވަހަށް އެތަނުން ދާށެވެ.
3- ހިތްގައިމު ޓީޗަރެއް، ކޯޗެއް ނުވަތަ އިސް މީހުން:
ޓީޗަރުންނާއި ކޯޗުންގެ މަސައްކަތަކީ އުންގަންނައި ދިނުމެވެ. އެމީހުން ސިއްރު އެކުވެރިކަމަށް އެދިގެން ނުވާނެއެވެ. އެހެންކަމުން އެމީހުން ތިބާއާއި ގާތްވާނަމަ، ނުވަތަ ސްކޫލް އާއި ގުޅުންނެތް މެސެޖްކޮށް ހަދާނަމަ ނުވަތަ ބޭރުން އެކަހެރިވެ ބައްދަލުކުރަން ބޭނުންވާނަމަ އެއީ ރަނގަޅު ގޮތެއް ނޫނެވެ. އަބަދުވެސް އެފަދަ މީހުންނާއި ދުރުން އުޅޭށެވެ.
4- ބައްދަލު ކުރަން ބޭނުންވާ އޮންލައިން އެކުވެރިޔާ:
އޮންލައިންކޮށް ބައްދަލުވާ ބައެއް މީހުން އެއީ ވަރަށް މަޖާ، ވަރަށް އަޅާލާ، ވަރަށް އަންޑަސްޓޭންޑިން މީހުން ކަމަށް ހީވެދާނެއެވެ. އެހެނަސް އިންޓަނެޓުން އެގޮތަށް ދިމާވާ މީހުންނަކީ ގިނަ ފަހަރު އެމީހުން އެބުނާފަދަ މީހުންނަށް ނުވެދާނެއެވެ. ފަހަރެއްގައިވެސް އޮންލައިން ރަޙްމަތްތެރިއަކާ ތިބާ އެކަނި ބައްދަލު ކުރަން އެއްބަސް ނުވާށެވެ. އެތައް އަންހެނުންނެއް މިފަދަ ކަންކަމުގައި ޢިއްފަތްތެރިކަން ގެއްލި އަދި އެމިހުންގެ ފުރާނަ ގެއްލިގެން ގޮސްފައި ވެއެވެ.
- ތަޖުރިބާކާރު އުސްތާޛާއެއްގެ ބަސްފުޅަކުން
- މިއަދުނޫސް