މި ހިނގާ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ.
ފައިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހަފުތާގެ މާލީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މިމަހުގެ 3 ގެ ނިޔަލަށް ކައުންސިލްތަކަށް 1.68 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.4 އިންސައްތައިގެ ކުރިއެރުމެކެވެ. ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ކައުންސިލުތަކަށް ހޭދަކޮށްފައިވަނީ 1.43 ބިލިޔަން ރުފިޔާއެވެ.
މި ހިނގާ އަހަރަށް ކައުންސިލް ގްރާންޓުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 2.5 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ ކުރީ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ކަނޑައެޅި ނަމަވެސް، ބަޖެޓަށްވުރެ އިތުރަށް 8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 2022 ވަނަ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ.
ކައުންސިލުތަކަށް ފައިސާ ބެހުމުގައި އެންމެ ބޮޑު ބައެއް ލިބިގެންދަނީ ސިޓީ ކައުންސިލުތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ޚާއްޞަކުރެވިފައިވަނީ މާލެ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަމުންދަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ރިއާޔަތްކޮށް ހަދާފައިވާ މާލީ ފޯމިއުލާއެއްގެ ދަށުން ބްލޮކް ގްރާންޓް ގެ ގޮތުގައެވެ.