ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ޓީޗަރުންގެ މެދުގައި ރިސާޗް ހެދުމުގެ އާދަ އަށަގެންނެވުމަށްޓަކައި، ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ޓީޗަރުންގެ މަހާސިންތާ މިއަދު ފަށައިފިއެވެ. މި ބައްދަލުވުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފެވެ.
މިފަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދަނީ "ރީއިމޭޖް، ރީތިންކް، ރިފޯމް- އެޑްވާންސިން އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗާ" މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޝަހީދު އަލީ ސްކޫލުގައެވެ.
މިފަދަ ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގެ ސަބަބުން ތައުލީމީ ދާއިރާގައި ކުރިމަތިވާ އެކިއެކި ދަތިތަކާއި، އެކަންކަމަށް ގެނެވިދާނެ ހައްލުތަކާ މެދު މަޝްވަރާކޮށް، އުނގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށްޓަކައި ޓީޗަރުންނަށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ.
މި މަހާސިންތާގައި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ދިރާސީ ކަރުދާސް ހުށަހެޅުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެއިތުރުން 4 ވޯކްޝޮޕާއި، 2 ޕެނަލް ޑިސްކަޝަންގެ އިތުރުން 2 ކީނޯޓް ސެޝަން ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖުމްލަ 300 ފަރާތަކުން ވަނީ މި މަހާސިންތާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައެވެ.
މި މަހާސިންތާގައި މަޝްވަރާކުރެވޭނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެންމެން ބައިވެރިކޮށްގެން ކިޔަވައިދިނުމާއި، ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވާނެހެން އުނގަންނައިދިނުމުގެ އިތުރުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ސަމާލުވާންޖެހޭ ކަންކަމާއި ކޯޑިން އަދި ރޮބޮޓިކްސް ފަދަ އައު ދާއިރާތައް ހިމެނެއެވެ.