އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކާއި ކޮންޓެންޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކާއި ކޮންޓެންޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފި

ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކާއި ކޮންޓެންޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ގެންނަން ނިންމާފައިވާ މި ބަދަލުތައް ކާމިޔާބު ކުރުމުގައި މުދައްރިސުންގެ ދައުރު ވަރަށް މުހިންމެވެ. އަދި ޓީޗަރުންނަށް އިންވެސްޓް ކުރުމަކީ މުޅި ޤައުމުގެ މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ޓެކްނޮލޮޖީއާއި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) އަށް އަންނަ ކުރިއެރުންތަކާއި ބަދަލުތަކަށް ދަރިވަރުން ފުރިހަމައަށް ތައްޔާރުކުރުމަށްޓަކައި، ޓީޗަރުން އެކަންކަމަށް އަހުލުވެރިވުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާގެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސާނަވީ ތަޢުލީމު ނިންމުމަށްފަހު މަތީ ސާނަވީއަށް ދާ ދަރިވަރުންގެ ނިސްބަތް މިހާރު 40 އިންސައްތައިން 50 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އަލަށް ޤާއިމުކުރެވޭ މާލޭ ވޮކޭޝަނަލް ހައި ސްކޫލާއެކު، މަތީ ސާނަވީއަށް ދާ ކުދިންގެ ނިސްބަތް 60 އިންސައްތައަށް މަތިކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން