ނުނިމި ހުރި ޓޫރިޒަމް މަޝްރޫއުތަކަށް ދެން ދެވޭނީ ގިނަވެގެން 12 މަސްދުވަސް - އައު ގަވާއިދެއް ގެޒެޓުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ނުނިމި ހުރި ޓޫރިޒަމް މަޝްރޫއުތަކަށް ދެން ދެވޭނީ ގިނަވެގެން 12 މަސްދުވަސް - އައު ގަވާއިދެއް ގެޒެޓުކޮށްފި

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ މަސައްކަތް އެއްބަސްވުމުގައިވާ މުއްދަތަށް ނުނިމިއްޖެނަމަ، އިމާރާތްކުރުމަށް އިތުރަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 12 މަސްދުވަސް ކަމުގައި ހަމަޖައްސައި އައު އުސޫލެއް ގެޒެޓުކޮށްފިއެވެ. މި އައު ގަވާއިދު ގެޒެޓުގައި ޝާއިއުކުރުމާއެކު، 2022 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ ބާ ގަވާއިދު މިހާރު ވަނީ ބާތިލުވެފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އަލަށް އެކުލަވާލި މި ގަވާއިދަކީ، ފަތުރުވެރިކަމުގެ ބޭނުމަށް ހަދަންފަށައި ނުނިމިހުރި ތަންތަނާއި އަލުން ތަރައްޤީކުރުމަށް ބަންދުކުރާ ތަންތަނަށް މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެކެވެ. މީގެއިތުރުން، ދޫކޮށްފައިވާ ތަން އެއްކޮށް ނިންމުމަށް ދީފައިވާ މުއްދަތު ނުވަތަ ފިޔަވަހިތަކަކަށް ބަހާލައިގެން ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާ ތަންތަނާ މެދު ފިޔަވަޅު އަޅާނެ ގޮތްތައް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މި އައު ގަވާއިދާ ބެހޭގޮތުން ރައީސް އޮފީހުގައި ވާހަކަދައްކަވަމުން ޓޫރިޒަމް ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، "ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ގިނަ އަހަރުތަކަކަށް ދޫކޮށްފައި ހުންނައިރުވެސް، އެތަންތަނުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ކަމެއް" ކަމަށެވެ.

އަދި އެފަދަ ތަންތަން ހިންގަން ފެށުމުން ވަޒީފާތައް އުފެދިގެންދާނެ ކަމަށާއި، ގްރީން ޓެކުހާއި ޓީޖީއެސްޓީގެ ޒަރީއާއިން ސަރުކާރަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން