އިންސާފު ހޯދުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަންތައް: އުއްތަމަފަނޑިޔާރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
އިންސާފު ހޯދުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަންތައް: އުއްތަމަފަނޑިޔާރު

ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކޮށް ޢާންމު ރައްޔިތުންނަށް އިންސާފު ހޯދުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަންތައް ކަމުގައި އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އަދި އަލަށް ތަޢާރަފުކުރެވުނު މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދަކީ އެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް މުވައްޒަފުން ތަމްރީން ކުރުމަށް ލ. ގަމުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވި ގޮތުގައި، މި ޤަވާއިދުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީޢަތްތައް ހިންގުން އިހުނަށްވުރެ ބޮޑަށް ތަރުތީބުވެގެންދާނެއެވެ. އަދި ކޯޓުގެ ޚިދުމަތްތައް އަވަސްވެ، ޢަދުލުގެ ނިޒާމާމެދު ޢާންމު ރައްޔިތުންގެ އިތުބާރު އިތުރަށް ބޮޑުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ދިމާވި އެންމެ ބޮޑު އެއް ދަތިކަމަކީ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަ ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގެ އުސޫލުތަކާއި، އިދާރީ ފީ ނެގުމުގައި އެއްގޮތްކަމެއް ނެތުން ކަމަށް އުއްތަމަ ފަނޑިޔާރު ބަޔާންކުރެއްވިއެވެ. ނަމަވެސް، މި އައު ޤަވާއިދާއެކު އެ ހުރިހާ ތަފާތުތަކެއް ނައްތާލެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކުރިން އެކި ކޯޓުތަކުގައި ގެންގުޅުނު ތަފާތު އިޖުރާއާތުތަކަށް ނިމުމެއް ގެނެވި، މުޅި ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއްގައިވެސް މައްސަލަތައް ރަޖިސްޓްރީ ކުރުމާއި، ޝަރީޢަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ފީ ނެގުމުގައި ދެން ޢަމަލުކުރެވޭނީ އެއް ހަމައަކުން ކަމަށެވެ. އަދި މިގޮތަށް އުސޫލުތައް އެއްގޮތްކުރެވިގެން ދިއުމަކީ ކޯޓުތަކުގެ ޚިދުމަތް ބޭނުންކުރާ އެންމެހައި ރައްޔިތުންނަށް އޭގެ އެދެވޭ މަންފާ ފުރިހަމައަށް ލިބިގެންދާނެ ކަމެއް ކަމުގައިވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިއަދު އޮންލައިން