ކޮންމެ ދުވަހެއްގެވެސް ހެނދުނު 7:00 ގައި ކާޑުގެ ލިމިޓްތައް އަލުން އައުވެގެންދާނެ: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކޮންމެ ދުވަހެއްގެވެސް ހެނދުނު 7:00 ގައި ކާޑުގެ ލިމިޓްތައް އަލުން އައުވެގެންދާނެ: ބީއެމްއެލް

ބޭރުގެ އެކި އޮންލައިން ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާ ކާޑު ބޭނުންކޮށްގެން ހިންގާ މުޢާމަލާތްތަކުގެ ނިޒާމު ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތަށް ކަންކަން ރޭވުމަށްޓަކައި ކާޑުތަކުގެ ލިމިޓް އައުވާނެ ވަގުތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިޢުލާނުކޮށްފިއެވެ. އެ ބޭންކުން ހާމަކުރި ގޮތުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން، ކޮންމެ ދުވަހެއްގެވެސް ހެނދުނު 7:00 ގައި ކާޑުގެ ލިމިޓްތައް އަލުން އައުވެގެންދާނެއެވެ.

ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި، ބޭރު ފައިސާއަށް އޮތް ބޮޑު ތަކުލީފާއި ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ރިޒާވަށް ވަނީ ބުރަބޮޑުވެފައެވެ. މީގެ ސަބަބުން ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތަކާއި ޓީޓީ ހެދުމަށް ދަތިތަކާ ކުރިމަތިލާން ޖެހި، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ލަސްތަކެއް ކުރިމަތިވެ ޝަކުވާ އިތުރުވަމުންދާތީ، ދެމެހެއްޓެނިވި އަދި ހާމަކަން ބޮޑު އުސޫލެއްގެ ތެރެއިން މުޢާމަލާތްތައް ތަރުތީބުކުރަން ނިންމީ ކަމަށް ބޭންކުން ބުނެއެވެ. މި އައު އުސޫލަށް އާދީއްތަ ދުވަހުން ފެށިގެން އަމަލީ ގޮތުން ފަށާނެއެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މަހެއްގެ މައްޗަށް އީކޮމާސް ސައިޓުތަކަށް 16 މިލިއަން ޑޮލަރުގެ މުޢާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ޢަދަދުގެ ތެރެއިން، ޚިދުމަތްތަކުގެ ބޭނުންތެރިކަމާއި ކަސްޓަމަރުންގެ މުހިންމުކަމަށް ބަލައިގެން، ވަކިވަކި ވިޔަފާރި ދާއިރާތަކަށް ދުވާލަކު ޚަރަދުކުރެވޭނެ ވަކި މިންވަރުތަކެއް ވަނީ ކަނޑައަޅައިފައެވެ. އަދި ހާލަތަށް ބަލައި މި އަދަދުތަކަށް މުސްތަޤުބަލުގައި ބަދަލު ގެންނާނެ ކަމަށްވެސް އެ ބޭންކުން މައުލޫމާތު ދެއެވެ.

ކުރިން ދުވާލަކަށް ކަނޑައެޅޭ ވަކި ބަޖެޓެއް އޮތް ނަމަވެސް، އެ ބަޖެޓުގެ ތަފްޞީލާއި އައުވާ ވަގުތު އޮތީ ހާމަނުކުރެވިއެވެ. ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގައި ލިމިޓް ރީސެޓްވާނެއެވެ. އެ ދުވަހެއްގެ ލިމިޓް ހަމަވެއްޖެނަމަ، އަނެއް ދުވަހު މުޢާމަލާތް ކުރިއަށް ގެންދެވޭނެ ކަމަށާއި، ނުވަތަ ޑޮލަރު އެކައުންޓަކާ ގުޅިފައިވާ ޑޮލަރު ކާޑަކުންވެސް މުޢާމަލާތް ފުރިހަމަކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މީގެއިތުރުން، ރާއްޖެއިން ބޭރުގައްޔާއި އޮންލައިންކޮށް ރުފިޔާ ކާޑު ބޭނުންކުރެވޭނެ ދާއިރާތައް މިހާރު ވަނީ 5 ގިންތިއަކަށް ބަހާލައިފައެވެ. އަދި މުޢާމަލާތް ހިނގާ މިންވަރަށާއި، ބޭންކުގައި ލިބެންހުރި ބޭރު ފައިސާގެ ތަނަވަސްކަމަށް ރިޢާޔަތްކޮށް މި އަދަދުތަކަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން