"ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
"ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލައިފި

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސިލްސިލާގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެދޭ ވީހާވެސް ގިނަ ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. އެގޮތުން، ކުރިއަށް އޮތް ބައްދަލުވުންތަކުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ވަކިވަކި ދާއިރާތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ 93 އިންތިޚާބީ ދާއިރާގެ ތެރެއިން މިފަހަރު ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާއެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޚާއްޞަ ޕޯޓަލް rayyithungeadu.presidency.gov.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މި ފުރުޞަތު މި ހިނގާ މަހުގެ 21 ވާ ހޯމަ ދުވަހުގެ ރޭ މެންދަމު 12:00 އާ ހަމައަށް އޮންނާނެ ކަމަށް ރައީސް އޮފީހުން ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން