ދިވެހިރާއްޖެ އިސްލާމްދީން ޤަބޫލުކުރުމަކީ ރާއްޖޭގެ ދިގު ތާރީޚުގައި ހިނގި އެންމެ ބޮޑު އަދި އެންމެ މުހިންމު ހާދިސާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނުގެ ނޫރާނީ އަލިން ދިވެހިރާއްޖެ އަލިވެގެން ދިޔަތާ 900 އަހަރު ފުރޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބިންގަލަކީ އަދި އެންމެ އިސް ބަހާއަކީ އިސްލާމްދީން ކަމަށެވެ. އަދި ރާއްޖެ އިސްލާމްވުމާ ގުޅިގެން ދިވެހިންގެ ވިސްނުމަށާއި، ބަހަށާއި، ދިރިއުޅުމުގެ ސަގާފަތަށް ހެޔޮ އަދި ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހި ތާރީޚާއި ޝަހުސިއްޔަތު ރައްކާތެރިކުރުމަށްޓަކައި އާކިއޮލޮޖިކަލް އަދި އިތުރު ދިރާސާތައް ކުރުމަށް ދިވެހިން ބިނާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ޤައުމިއްޔަތު އޭގެ ހައްޤު މަޤާމަށް އިއާދަކޮށް، ދިވެހިންގެ ހިތްތަކުގައި ޤައުމިއްޔަތު އަށަގެންނެވުމަށް ޚާއްސަ ސިޔާސަތުތަކަކާއި މަޝްރޫޢުތަކެއް ސަރުކާރުން ހިންގަމުންދާ ކަމަށް ވެސް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.