ފިރިމީހާ ބޭނުންވެގެން ފިރިމީހާގެ ރަށަށް ދިރިއުޅުން ބަދަލުކުރުމުގަ ދެމީހުންވެސް ވިސްނަންޖެހޭނެ ކަންތައްތަކެއް އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ފިރިމީހާ ބޭނުންވެގެން ފިރިމީހާގެ ރަށަށް ދިރިއުޅުން ބަދަލުކުރުމުގަ ދެމީހުންވެސް ވިސްނަންޖެހޭނެ ކަންތައްތަކެއް އެބަހުރި!

ފުރަތަމަ ދަންނަވައި މިލަނީ މިއަދުނޫހަށް ވަރަށް ރަނގަޅަށް އެނގޭ ދެމަފިރިއެއްގެ ވާހަކައެވެ. އެއީ ދެރަށެއްގެ ދެމީހުންނެވެ. އަނބިމީހާގެ ބައްޕައަކީ އެނދުމަތިވެފައި އޮންނަ މީހެކެވެ. ފިރިމީހާގެ ރަށަށް އަނބިމީހާ ބަދަލުކުރީ ބައްޕައާއިވެސް އެކުގައެވެ. އަނބިމިހާއަށް އޭނާގެ ބައްޕަ ބެލޭނެ ގޮތަށެވެ. ބަދަލުކުރުމަށްފަހު އެކަމުގައި އަންނަނީ އެހީތެރިވަމުންނެވެ. މާތް ﷲ އެފިރިމީހާއަށް ހެޔޮ ރަޙްމަތް ލައްވަވާށި! އާމީން  

ބައެއް އަންހެނުންނަކީ އެމީހުންގެ މައިންބަފައިން ބަލަންޖެހިފައިވާ ބައެކެވެ. ވީމާ އެމީހުން ދޫކޮށް އެހެން ރަށަކަށް ބަދަލުވުމަށް ދަތިތަކެއް ހުންނާނެއެވެ. ވީމާ މިގެނެސްދެނީ މިޙާލަތުގައި ޢަމަލުކުރާނެ ގޮތަކާއިބެހޭ ގޮތުން ސުވާލުކުރައްވާ ކިޔުންތެރިންނަށް ޖަވާބުލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ޙަޤީޤަތުގާ އިސްލާމްދީނުގާ މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ ވަރަށް ބޮޑަށް އަމުރު ކުރައްވާފަވާކަމެއް. ވަރަށް ބޮޑަށް އެކަމަކަށް ބާރުއަޅުއްވާފަވެސް ވާކަމެއް އެއީ، ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް އަމުރު ކުރެއްވުމަށްފަހުގަ ދެން އަމުރުކުރައްވާފަވަނީ މައިން ބަފައިންނަށް އިޙްސާންތެރި ވުމަށް. މައިން ބަފައިންނަށް ހެޔޮކޮށް ކަންތައް ކޮށްދިނުމަށް. 

ކައިވެނި ކުރުމަށްފަހުގަ ކިޔަމަން ގަތުމުގާ އިސްވާނީ ފިރިމީހާ، އެހެންވީމާ، ކައިވެނި ކުރުމާހިސާބުން ދެން މައިންބަފައިންނެއް ނޫން އޭނަގެ މައްޗަށް އަމުރުހިންގާނީ، ދެން އޭނަގެ އަމުރުވެރިޔަކަށް ވާނީ އޭނަގެ ފިރިމީހާ. އެކަން މައިން ބަފައިންވެސް ޖެހޭނެ ޤަބޫލުކުރަން އެކުއްޖާ މިހާރު އެހުރީ ކާވެނި ކޮށްގެންކަން. އެހެންވީމާ ދެން އޭނަޔަށް އަމުރު ހިންގާނީ ތިމަންނަމެން ނޫންކަން އޭނަޔަށް އަމުރު ހިންގާނީ އޭނަގެ ފިރިމީހާކަން. 

އެހެންވީމަ ކައިވެނި ކުރުމަށްފަހުގައި ދިރިއުޅޭނެ ތަނެއް ކަނޑައެޅުން އެއީ ފިރިމީހާގެ ޒިންމާއެއް. ފިރިމީހާ ބޭނުންތަނެއްގާ ދިރިއުޅޭނީ. އެއީ އަނބިމީހާގެ މަޝްވަރާ ހޯދުމަކީ އެއީ މައްސަލައެއްނޫން. އެހެން ނަމަވެސް އޭގާ ފިރިމީހާ ވަކިގޮތަކަށް ނިންމުމަށް ފަހުގާ ދެން އަނބިމީހާ އޭގެތެރޭގާ ތިމަންނާ ތިގޮތަކަށް ނަހަދާނަމޭ ބުނުމުގެ އިޚްތިޔާރު އޭނާ ޔަކަށް ނުވެއް އޮންނާނެ، 

އެހެނެއްނޫން ކާވެނި ކުރުމުގެ ކުރިން ފިރިމީހާ އެއްބަސްވެފަ ވަނީ އަނބިމީހާގެ ގޭގައި ނުވަތަ އަނބިމީހާ ބުނާތަނެއްގައި އުޅެން އެހެން ވެއްޖެ ކަމަށްވަނީނަމަ އެއެއްބަސް ވުމާ އެއްގޮތަށް އޭނަ ޢަމަލުކުރަން ޖެހޭނެ އެނޫން ޙާލަތެއްގަ އެފަދަ ކަމެއް ކުރާކަށް ނުޖެހޭނެ.  

ދެން އަދިމީ ފިރިމީހާޔަށް ލިބިފައިވާ ބާރެއް ކަމުގައިވީ ނަމަވެސް މިޙާލަތުގާވެސް ފިރިމީހާވެސް ހަމަ ދަންނަންޖެހޭނެ އަދި އަނބިމީހާ ކިޔަމަން ގަތުމުގަ އިސްކުރަން ޖެހެނީ ތިމަންނަ ކަމުގާވީނަމަވެސް އަނބިމީހާ ތިމަންނަޔާ އެކުގާ އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުން އޭނަ ޢުޛުރުވެރިވާ ސަބަބަކީ އޭނަގެ މައިބަފައި ދޫކޮށްލާފަ ދާންޖެހޭތީކަން. އެހެންވީމާ އެމައިން ބަފައިންނަށްވެސް ހެޔޮކޮށް ހިތޭނެފަދަ ގޮތަކަށް މިސާލަކަށް މައިންބަފައިންވެސް ގޮވައިގެން ފިރިމީހާގެ ރަށަށް ދިރިއުޅުން ބަދަލުކުރުން. އެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސެން އޮތްކަމަށްވަނީނަމަ އެއީ އެންމެ ރަގަޅުގޮތް. އެހެންނަމަވެސް އެފަދަ އިންތިޒާމްތަކެއް ހަމަޖެއްސެން ނެތިފަ އެހެންނަމަވެސް މައިންބަފައިން ބަލާނެ އެހެންބަޔަކު ރަށުގަ މައިންބަފައިން ދިރިއުޅޭ ރަށުގަ ތިބެއްޖެކަމަށް ވަނީނަމަ އެމީހުންނާ އެކަން ޙަވާލު ކުރުމަށްފަހުގަ ދެން އެހެންނަމަވެސް ދުރުގަ ހުރެގެންވެސް މައިންބަފައިންގެ ޙާލުބަލާ މައިންބަފައިންނަށް ބޭނުންވާ ކަންތައްތައް ވީވަރަކުން ކޮށްދީ އެފަދަ ކަންތައްތައް ކުރަންވާނެ. 

ކޮންމެ އަކަސް ޚުލާޞާ އަކީ ކާވެނި ކުރުމަށްފަހުގާ ކިޔަމަން ގަތުމުގަ އިސްވާނީ ފިރިމީހާއޭ އަދި މައިންބަފައިންގެ އަމުރަކާ ފިރިމީހާގެ އަމުރާ ފުށުއަރާހިނދެއްގާ އިސްކުރަން ޖެހޭނީވެސް ފިރިމީހާގެ އަމުރު. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅެއް

 

މިއަދު އޮންލައިން