ފިރިއަކު އިޚުތިޔާރުކުރުމުގަ ސަމާލުކަންދޭންޖެހޭ 5 ސިފައާ ސަމާލުކަންދޭންވީ ކީއްވެގެންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ފިރިއަކު އިޚުތިޔާރުކުރުމުގަ ސަމާލުކަންދޭންޖެހޭ 5 ސިފައާ ސަމާލުކަންދޭންވީ ކީއްވެގެންކަން!

ތެދެކެވެ. ބަލަންޖެހޭ ހުރިހާ ކަމަކަށް ބަލައިގެން ކައިވެނިކުރިޔަސް ދެރަގޮތެއް މެދުވެރިވެދާނެއެވެ. ނަމަވެސް އެއީ ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދޭން އޮތް ސަބަބެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އޮތީ އެމީހަކު އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށްފަހު ވަކީލުކުރުމެވެ. އެއިރުން އެމީހަކަށް ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

ދަހިވެތިކަން ހުންނަ ފިރިހެނުންނާއި ދުރުހެލިވާށެވެ! މާނައަކީ އަތުގައި ފޯރުންތެރިކަން ހުރެވެސް ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައް ކުރަން ފަސްޖެހޭ މީހުންނާއި ދުރުހެލިވާށެވެ!  

އަންހެނެއްގެ ކިބައިގައި ތަނަވަސްކަން ހުރީތީ ގުޅެން ބޭނުންވާ ފިރިހެނުންނާއި ނުގުޅޭށެވެ. އޭނާއަށް ފުދުންތެރިކަމެއް ލިބޭއިރަށް ދުރަށްދާނެއެވެ. 

ވަށައިގެން ގިނަ އަންހެނުން ގެންގުޅޭ، ގިނަ އަންހެނުންނާއި ގުޅުން ބާއްވާ ފިރިހެނުންނާއި ދުރުހެލިވާށެވެ! އެމީހުންގެ ހިތެއް ނުފުރޭނެއެވެ. ތެދުވެރިއެއްވެސް ނުވާނެއެވެ.  

ތިބާގެ އިޙްޞާޞްތަކަށް އިޙްތިރާމް ނުކުރާ މީހަކާއި ގުޅިގެން ނުއުޅޭށެވެ! އެފަދަ މީހުންގެ ހިތަކު އެއްވެސް މީހަކަށް ރަޙުމެއް ކުލުނެއް ނުއޮންނާނެއެވެ.  

މަކަރާ ހީލަތްހެދުމާ ބޭވަފާތެރިވުމުގެ މާޒީއެއް އޮތް މީހުންނާއި ނުގުޅޭށެވެ. މިބުނަނީ އެފަދަ އެންމެ ކަމެއް ކުރެވުމެއް ނޫނެވެ. ތަކުރާރުކޮށް އެފަދަ ކަންކަން ކޮށްފައިވުމެވެ. އެފަދަ ކަންކަން ކުރަން ދެވިހިފާފައިތިބޭ މީހުން އިޞްލާޙްވުމަކީ ވަރަށް ދުރުކަމެކެވެ.  

މިކަންކަމަށް ވިސްނަންވީ ކައިވެނިކުރުމުގެ ކުރިންނެވެ. ފައިދާކުރާނީ އެއިރުންނެވެ. ކައިވެނީގެ ފަހުން މިކަންކަން، މިސިފަތައް ހުންނަކަން އެނގިއްޖެނަމަ އިޞްލާޙްކުރަން ފުރުޞަތުދޭށެވެ! އިޞްލާޙްނުކުރިނަމަ އޮތީ ވަޤުތު ނަގާނުލައި އަވަހަށް އެމީހެއްގެ ކިބައިން ސަލާމަތްވުމެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން