ފަސީނާއާއި ޝަހީދާއަކީ އެއް އޮފީހެއްގައި މަސައްކަތްކުރާ ދެއެކުވެރިންނެވެ. އެކުވެރިކަމުގެ ދިގުމާޒީއެއް އޮތް ދެއެކުވެރިންނެވެ. ދެމީހުންވެސް ދިއައީ ރަނގަޅު ބައިވެރިއަކަށް އިންތިޒާރުކުރަމުންނެވެ. އެގޮތަށް ތިއްބައި އޮފީހުގެ ވެރިޔާގެ ދޮށީ ދަރިފުޅާއި ފަސީނާއާއިމެދު ގުޅުމެއް އުފެދި އެގުޅުން ލޯތްބަށް ބަދަލުވިއެވެ.
ލޯބިވެރިޔާ ފަސީނާގެ ކިބައިން އެދުނީ އެންމެ ކަމަކަށެވެ. އެއީ އެކަން އަދި ސިއްރުކޮށްދިނުމެވެ. "މަންމައާ ބައްޕަވެސް އުޅެނީ އަންހެނަކު ހޯދައިގެން. އެކަމުން ސަލާމަތްވާން ވަޤުތުކޮޅެއް ނަގާނެ. ސަލާމަތްވެވެންދެން މިކަން ބާއްވަންވާނީ ސިއްރެއްގެ ގޮތުގަ!"
ފަސީނާއަކަށް އެކަމެއް ނުކުރެވުނެވެ. އެވާހަ އެންމެ ގާތް އެކުވެރިޔާ، ޝަހީދާ ގާތު ބުނެވުނީއެވެ. ސިއްރުކޮސްދޭނެ ކަމަށް ހުވާވެސް ކުރުވާފައެވެ. އެކަމަކު އެހުވާ ދެމިއޮތީ ޝަހީދާއާއި ވެރިމީހާއާއި ބައްދަލުވަންދެންނެވެ. ބައްދަލުވެވުމާއިއެކު ހުރިހާ ވާހަކަތަކެއް ކިޔައިދީފިއެވެ.
އެހިސާބުން ބައްޕަ ދަރިފުޅަށް އެންގީ ބައްޕަމެންގެ ނިންމުން ޤަބޫލުކުރުމަށެވެ. ނޫންނަމަ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށެވެ. ވަރަށް ވިސްނާފައި ދަރިފުޅު ބުނީ ބައްޕަ ނިންމާނީ ރަނގަޅަށް ކަމަށާއި އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. ނަމަވެސް ކައިވެނިކުރާނީ ފަސީނާއާއި ކަމަށެވެ. އަދި އެދުވަހުން ފެށިގެން ދެމީހުންވެސް އޮފީހުން ވަކިވީ ކަމަށެވެ.
އެދުވަހު އޮފީސް ނިމިގެން ދެމީހުން އެކުގައި ދިއައީ ފަސީނާމެންގެ ގެއަށެވެ. ރަނގަޅު ފެންވަރުގެ ކޮޓަރިއެއް ނެތްއިރުވެސް އޭނާ ބޭނުންވީ އެގޭގައި ހުންނާށެވެ. ދެމީހުން ގޭގައި ތިބޭތާ ހަފްތާއެއްވީދުވަހު މަންމައާއި ބައްޕަ އައިސް ބުނީ ދަރިފުޅުގެ ނިންމުން ޤަބޫލުކޮށްފިން ކަމަށާއި އެމީހުންނާއިއެކު ދެކުދިންވެސް ގެއަށް ދިއުމަށެވެ.
އަނެއް ދުވަހު ފަސީނާ އޮފީހަށް ނުކުތުމުން ޝަހީދާ އިނީ ވަރަށް ދެރަވެފައެވެ. ލަދުވެސް ގަނެފައެވެ. "މާފަށް އެދިފައި ބުނީ ދެމީހުންވެސް ބައިވެރިއަކަށް އިންތިޒާރުކުރަމުން ދަނިކޮށް އެހާފަސޭހައިން ބޮސްގެ ދަރިފުޅު ފަސީނާއަށް ލިބުމުން ޙަސަދަވެރިވެވުނީ ކަމަށެވެ. ފަސީނާގެ ޖަވާބަކަށްވީ އިތުރަށް އިތުރަށް އެވާހަކަ ނުދެއްކުމެވެ. "އަދިވެސް އެކުވެރިކަން އެބައޮތް! ނުކުރާނީ އިތުބާރު! ވަޒީފާގައިވެސް ހުރެވޭނެ! އެކަމަކު މާބޮޑަށް ގާތްވާން ނުއުޅޭތި! ކަލޭ ހީކުރީ ދެރައެއް ދެވޭނެ ކަމަށް! އެކަމަކު އެކަން ބަދަލުވީ ލެއްވެވި ބޮޑު ރަޙުމަތަކަށް! ޙައްލުކުރަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވުނު ކަންތައް މާއަވަހަށް މިއޮތީ ޙައްލުވެފަ!" ކަމަށް ބުނުމުން ބުނާނެ އެއްޗެއްވެސް ޝަހީދާއަކަށް ނުވިސްނުނެވެ. ޝަހީދާއަށް އެންމެ އަސަރުކުރީ އަނެއްރޭ ދެމީހުންގެ ކައިވެނިކުރެވުނީމައެވެ.
މިއަދުނޫހުގެ ކިޔުންތެރިން ވިސްނާށެވެ! އެންމެ ގާތް އެކުވެރިންގެ ޙާލަކީމިއީއެވެ. މިޙާދިސާގައި ފަސީނާއަށް ބޮޑު ދެރައެއް ނުލިބި ލިބުނު ކާމިޔާބަކަށްވެގެންދިއަ ނަމަވެސް ޢާންމުގޮތެއްގައި މިހުންނަނީ ޢުމުރަށް ހިތާމަކުރަންޖެހޭ ފަދަ ބޮޑެތި ދެރަތައް ލިބޭ ކަންކަމެވެ.
- ޝިމްލާ / މިއަދުނޫހުގެ ކިޔުންތެރިއެއް