ދިވެހިރާއްޖެ އަބަދުވެސް ކުރިއަށްދާނީ މާތްވެގެންވާ އިސްލާމްދީން ފޯރުކޮށްދޭ ރޫޙާނީ އަދި މާނަވީ ރައްކާތެރިކަމުގެ ހިޔާވަހިކަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަށް މާތްﷲ މިންވަރުކުރެއްވި އެންމެ އަގުބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ހިދާޔަތް ކަމަށާއި، ދިވެހި ތާރީޚުގައި ވެސް އެއަށްވުރެ މުހިންމު މުނާސަބަތެއް ނާންނާނެ ކަމަށެވެ. އަދި ވޭތުވެދިޔަ 900 އަހަރު ދިވެހިން ދެމިތިބި އިސްލާމީ ހިދާޔަތުގެ މަތިވެރި ޝަރަފު، އަންނަން އޮތް ޖީލުތަކަށްޓަކައި އެގޮތުގައި ދެމެހެއްޓުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
"އޭގެ ކުރީގައި އަޅުގަނޑުމެން ތިބި ޝިރުކުގެ ބޯ ޖަންގަލިން ނުކުމެވި، ހައްގާއި ހިދާޔަތުގެ ތަނަވަސް މައިދާނަށް ނެރެދޭ އިންސާނީވަންތަކަމުގެ ހުރުމަތް ދިވެހިންނަށް ދިނީ މި މާތް ފުރުސަތު. އެހެންކަމުން ރާއްޖެ އިސްލާމްވުމަކީ ނުވަތަ ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބުމަކީ ދިވެހިންނަށް ލިބޭނެ އެންމެ މަތިވެރި ނަސީބު،" ރައީސް
އިސްލާމްދީނުގެ ސަބަބުން ދިވެހި މުޖުތަމަޢަށް އައި ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނުގެ ކުރިން ދިވެހިން ތިބީ އަމިއްލައަށް ހިރިގާ ކޮށައިގެން ހަދާ ބުދުތަކަށް އަޅުކަންކުރުމުގެ ޖާހިލިއްޔަ ޙާލަތުގައި ކަމަށެވެ. އަދި އެ ދުވަސްވަރު އިޖުތިމާޢީ ނަހަމަކަން އިންތިހާއަށް އޮތް ނަމަވެސް، އިސްލާމްދީނުގެ ނޫރުން އެ ހުރިހާ ބާތިލު ކަންކަން ފޮހެލައި، އެއްކައުވަންތަކަމުގެ ތައުޙީދާއި، އިންސާނީ ހަމަހަމަކަމާއި ޢަދުލުވެރިކަން މުޖުތަމަޢުގައި ޤާއިމުކޮށްދިން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އިސްލާމްދީން ރައްކާތެރިކޮށްދޭ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ "ފުރާނައިގެ ރައްކާތެރިކަމަށް" އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ ކުރިން ދީނުގެ ނަމުގައި އިންސާނުން ޤުރުބާންކުރުން ފަދަ އަނިޔާވެރި އާދަތައް ރާއްޖޭގައި އޮތް ކަމަށެވެ. ނަމަވެސް، ކޮންމެ އިންސާނެއްގެ ފުރާނައިގެ ޙުރުމަތްތެރިކަމާއި ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނީ އިސްލާމްދީން ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ދިވެހިންގެ ކިބައިން ފެންނަ ހިތްހެޔޮކަމާއި، އޯގާތެރިކަމާއި، މެހެމާންދާރީގެ ސިފަތަކަކީ އިސްލާމްދީނުގެ މަތިވެރި ތަރުބިއްޔަތުގެ ނަތީޖާ ކަމަށެވެ. އަދި މި ޤައުމުގެ ކުރިމަގު އަބަދުވެސް ބިނާވެގެންދާނީ އިސްލާމީ ރިވެތި އުސޫލުތަކާއި ސަލާމަތްތެރިކަމުގެ މަތީގައި ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"މިގޮތުން އިސްލާމްދީން ވާސިލުވުމަށްފަހު އެތަނެއްގައި ތައުހީދު ގާއިމުކޮށްދޭ، ޝިރުކު ނައްތައިލައި، އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދޭ. ދީނުން ބޭރުވުމާއި އެކިއެކި ބިދުއަތައް އުފެއްދުމާއި ހައްދުފަހަނައެޅުމުން އިންސާނާ ރައްކާތެރިކޮށްދޭ. އިސްލާމްދީން އައިއިރު އަޅުގަނޑުމެން ތިބީ ކޮން ހާލެއްގައިތޯ؟ އަޅުގަނޑުމެން ތިބީ މޫދުން ނަގާ ހިިރިގާތަކެއް ކޮށައި، އަޅުގަނޑުމެން ބޭނުން ބައްޓަމެއް ޖައްސައި އެއަށް އަޅުކަންކުރުމުގައި. ހަޔާތުގެ ހުރިހާ މުހުތާދުތަކެއް ފުއްދައިދޭން އެދުނީ އެތަކެތީގެ ކިބައިން. މީގެ އިތުރަށް އެ ސަގާފަތުގައި އިޖުތިމާއީ ނަހަމަކަން އިންތިހާއަށް އޮތް. އެންމެ އާދައިގެ މީހާއަށް ކަލާނގެއާ ހަމައަށް ދެވެނީ މާތް މީހަކު މެދުވެރިކޮށްގެން. އިސްލާމްދީން އައިސް މި ބާތިލު ވިސްނުން ފޮހެލި،" ރައީސް ވިދާޅުވިއެވެ.