އިސްލާމްދީން ދިވެހިންނަށް ދިން އަބުރާއި ރައްކާތެރިކަމުން އުފެދުނު އިޖުތިމާޢީ ހައިބަތު މުޅި ދުނިޔެއަށް ފެނިގެންދިޔަ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 52ސ
އިސްލާމްދީން ދިވެހިންނަށް ދިން އަބުރާއި ރައްކާތެރިކަމުން އުފެދުނު އިޖުތިމާޢީ ހައިބަތު މުޅި ދުނިޔެއަށް ފެނިގެންދިޔަ: ރައީސް

ދިވެހިރާއްޖެ އިސްލާމްދީނުގެ ހިދާޔަތު ލިބިގަތުމާއެކު، ދިވެހިންގެ އަބުރާއި އިންސާނީ ކަރާމާތަށް ލިބުނު މަތިވެރި ރައްކާތެރިކަމުގެ ސަބަބުން އުފެދުނު އިޖުތިމާޢީ ވަރުގަދަ ހައިބަތު މުޅި ދުނިޔެއަށް ސާބިތުކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އިންސާނެއްގެ އުފާވެރި ދިރިއުޅުމުގެ އެންމެ މުހިންމު ބިންގަލަކީ އެމީހެއްގެ އަބުރާއި ޢިއްޒަތެވެ. އަދި އިސްލާމްދީން ބިމަކަށް ވެރިވެއްޖެނަމަ އެ ތަނަކަށް އިޖުތިމާޢީ ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެނެސްދޭކަން ފާހަގަކުރައްވަމުން، އިސްލާމްދީނުގައި އިންސާނާ މާތްކުރައްވާފައިވަނީ މާތް ﷲ ހެއްދެވި އެންމެ ޝަރަފުވެރި މަޚްލޫޤުގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލޭނެ އެންމެހައި ކަންކަން އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުގައިވާ ފަދައިން، އެންމެ ހެޔޮ މުސްލިމަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމަށެވެ. އެގޮތުން ދިވެހިންގެ ދިގު ތާރީޚުގައި އަބުރުވެރިކަމާއެކު އުޅުމާއި، ކުޑަކުދިންނާއި ވެރިންނާއި އާންމުންގެ މެދުގައި އޮތް ގުޅުމާއި ކަރާމާތް ދެމެހެއްޓުމުގެ ސަބަބުން، ދިވެހި މުޖުތަމަޢު ބިނާވެގެންދިޔައީ އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރުކުރާ އަމާން ވެށްޓެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މީގެ 900 އަހަރު ކުރިން އިސްލާމްދީނުގެ ސަބަބުން ދިވެހިންނަށް ލިބުނު އެންމެ ބޮޑު އިންގިލާބަކީވެސް މި ދެންނެވި އިންސާނީ ކަރާމާތާއި އަބުރުގެ ރައްކާތެރިކަން ކަމުގައި ސިފަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ތާރީޚަށް ބަލާއިރު، އަޅުގަނޑުމެން ދިވެހީނަކީ އަބުރުވެރިކަމާއެކު ދިރިއުޅެމުން އައިބައެއް. އަޅުގަނޑުމެން އިންސާނީ ކަރާމާތް ދެމެހެއްޓީމު. އެކަމުން އުފެދުނު އިޖުތިމާޢީ ހައިބަތު ބޭރުގެ ފަރާތްތަކަށް ދެއްކީމު. އަޅުގަނޑުމެން ނަފުސުގެ މުރުއްވަތްތެރިކަން އަށަގަންނަވާ ގޮތް. ކުޑަކުދީންގެ ކަރާމަތް ދަމަހައްޓާ ގޮތް. ދޭދޭ ރަޙްމަތްތެރީންނާއި ވެރީންނާއި އާންމުންގެ މެދުގައި މި ސިފަތައް އެކަށައެޅިފައި އޮންނަ ގޮތް. އޭގެ ނަތީޖާއަކީ ދިވެހި މުޖުތަމަޢަކީ އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރުކުރާ މުޖުތަމަޢެއްކަމުގައިވުން.،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އިސްލާމްދީން ރައްކާތެރިކޮށްދޭ ޝަރުޢީ މުހިންމު 5 މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އިންސާނާގެ ބުއްދި ރައްކާތެރިކުރުމަށް ދީން ދެއްވާފައިވާ އަހައްމިއްޔަތުކަމުގެ މައްޗަށް ރައީސް ތަފްޞީލުކޮށް ވާހަކަފުޅު ދެއްކެވިއެވެ. މަސްތުވާތަކެއްޗަކީ އެންމެހައި ނުބައިކަމެއްގެ އަސްލުކަން ފާހަގަކުރައްވައި، ސައިންސްގެ ހޯދުންތަކަށް ރިޢާޔަތްކުރައްވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމުން ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން މީހާ ދެވިހިފުމުގެ ތެރެއަށް ވެއްޓޭ ކަމަށެވެ. އަދި އޭގެ ސަބަބުން ލަދާއި ބިރުކެނޑި، ޖަރީމާތަކަށް އަރައިގަނެ، މީހާގެ މާއްދީ، ނަފްސާނީ އަދި ރޫޙާނީ ދުޅަހެޔޮކަން މުޅިން ވިއްސިވިހާލިވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގެ ސަބަބުން އާއިލާތައް ބިރުވެރިކަމަށް ވެއްޓި، ވައްކަމާއި ފޭރުން ފަދަ ކުށްތައް އާންމުވެ މުޅި މުޖުތަމަޢުގެ އަމާންކަން ގެއްލިގެންދާ ކަމަށެވެ. އެހެންނަމަވެސް، އިސްލާމްދީނުގައި ބުއްދިއަށް ދީފައިވާ މަތިވެރި ޤަދަރުގެ ސަބަބުން، މުސްލިމަކީ އުފެއްދުންތެރި، ޙިކްމަތްތެރި، މުރާލި އަދި ހެޔޮކަންކަމަށް އަމުރުކުރާ އަމާން މީހެއްގެ ގޮތުގައި ބައްޓަންވާ ކަމަށް ވިދާޅުވިއެވެ. ދިވެހިންގެ ކާބަފައިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ކުރި ވިޔަފާރިތަކާއި، އޮޑިދޯނިފަހަރު ބަނުމުގެ ފަންނުވެރިކަމާއި، އަތްތެރި މަސައްކަތްތަކާއި މިސްކިތްތައް ބިނާކުރުމުގައި ދައްކާފައިވާ މޮޅު ހުނަރަށް ބޭރުގެ ދުނިޔޭގެ ތަޢުރީފު ލިބުނު މައިގަނޑު ސަބަބަކީ އިސްލާމީ ހަމަތަކުގެ މަތީގައި ދިވެހިންނަށް ލިބުނު ފުރިހަމަ ހަމަޖެހުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމްދީނުގެ ސަބަބުން ދިވެހިންގެ ފަރުދީ އަދި އިޖުތިމާޢީ ޙަޔާތަށް ގެނެސްދިން މި އިންގިލާބީ ހެޔޮ ބަދަލުތަކާއި ރޫޙާނީ ރައްކާތެރިކަންމަތީ ތާއަބަދު ދެމިތިބުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޤައުމީ އަދި ދީނީ ވާޖިބެއްކަމުގައި ވިދާޅުވެ، އެ މަތިވެރި ޢަޒުމުގައި ސާބިތުވެ ތިބުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން