ދިވެހިރާއްޖޭގައި އިސްލާމީ ޝިޢާރުތައް ދިރުވައި އާލާކުރުމަށް އަދުގެ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ދިވެހިރާއްޖޭގައި އިސްލާމީ ޝިޢާރުތައް ދިރުވައި އާލާކުރުމަށް އަދުގެ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް

ދިވެހިރާއްޖެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުވެ އޮންނަތާ 900 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ރާއްޖޭގައި އިސްލާމީ ޝިޢާރުތައް ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަދުގެ ސަރުކާރުން ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ. ޚާއްޞަކޮށް ވޭތުވެދިޔަ ދުވަސްތަކުގައި ދީނީ ރޮނގުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހީން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، މީގެ ކުރީގެ ސަރުކާރުތަކުން ނުކުރާ ވަރަށް ސަރުކާރުން އަންނަނީ މި ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެން އެހީތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދެމުންނެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާކުރުން

ޒަކާތުގެ ދާއިރާއިން ރައްޔިތުންގެ އިތުބާރު ހޯދައި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެކަން ހިންގުމަށްޓަކައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވަނީ ރައީސުލް ޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޒަކާތުގެ ޤާނޫނެއް އެކުލަވާލާފައެވެ. ފަހުގެ އިސްލާމީ ދިރާސާތަކަށް ބިނާކޮށް އެކުލަވާލެވުނު މި ޤާނޫނުގެ ދަށުން، ޒަކާތުގެ ފައިސާ ޖަމާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ޚާއްޞަ އެކައުންޓެއް ވަނީ ހުޅުވާފައެވެ. މީގެއިތުރުން، ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އޭގެ ޙައްޤުވެރިންނަށް އެހީ ފޯރުކޮށްދިނުން ފުޅާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ވަނީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ގެ ނަމުގައި ޚާއްޞަ އިދާރާއެއް އުފައްދަވާފައެވެ.

ޤުރުއާން ހިތުދަސް ޙާފިޡުން އިތުރުކުރުމުގެ މަޝްރޫޢު

ކީރިތި ޤުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށްޓަކައި ޙާފިޡުން އިތުރުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައެވެ. މިގޮތުން ޙާފިޡުންގެ ސަނަދަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ ސަނަދަކަށް ބަދަލުކޮށް، ކޮންމެ ދަރަޖައެއްގައި ފާސްވި ނަމަވެސް ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެއްޔާއި، ހިލޭ ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްޞަ ގައުންއެއް ތަޢާރަފުކުރުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޙާފިޡުންގެ އެލަވަންސް ވަނީ 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކޮށްދެއްވާފައެވެ. މި ދައުރުގެ ތެރޭގައި 500 ޙާފިޡުން ބިނާކުރުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް 310 ޙާފިޡުން ވަނީ ދަސްވެނިވެފައެވެ. އަދި މިހާރުވެސް 2000 އެއްހާ ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.

އިމާމުންނާއި ޒުވާން ޚަޠީބުން ތަމްރީނުކުރުން

ރަށްރަށުގައި އިމާމުންނާއި ޚަޠީބުން ނެތުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިސްލާމީ ޤައުމުތަކުގައި އިމާމުން ތަމްރީނުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން ހިންގި ޕްރޮގްރާމްގެ 4 ބުރަކުން މިހާތަނަށް 600 އެއްހާ ޒުވާނުން ވަނީ ޚަޠީބުކަމުގެ ސަނަދު ޙާޞިލުކޮށް، މާލެއާއި އަތޮޅުތަކުގައި ހުކުރު ޚުޠުބާ ކިޔަން ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން 1000 ޒުވާން ޚަޠީބުން ބިނާކުރުމެވެ.

ވަޤުފް މަޝްރޫޢުތައް ފުޅާކުރުން

އިސްލާމީ ދަޢުވަތާއި، މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުން ފަދަ ދީނީ ކަންކަމަށް ދާއިމީ ގޮތެއްގައި އާމްދަނީ ހޯދުމަށްޓަކައި ވަޤުފް ފަންޑެއް ޤާއިމުކޮށް، ބޮޑެތި މަޝްރޫޢުތަކެއް ވަނީ ފަށާފައެވެ. އެގޮތުން މާލޭގައި 12 ފަންގިފިލާގެ "ދާރުލް އަރުޤަމް" އަދި ހުޅުމާލޭގައި 12 ފަންގިފިލާގެ "ދާރުއްސަލާމް" ޢިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެއިތުރުން، ކުރީގެ ކޮރަލް ބޮލެވާޑް ބިމުގައި ކީރިތި ޤުރުއާނާ ބެހޭ ޚާއްޞަ ވަޤުފް ޢިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ. އަތޮޅުތެރޭގައިވެސް މި މަޝްރޫޢު ފުޅާކޮށް، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި ގއ. ވިލިނގިލީގައި ވަޤުފް ޢިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް އަންނަނީ ހިންގަމުންނެވެ.

މި ހުރިހާ މަސައްކަތްތަކަކީވެސް ރާއްޖޭގައި އިސްލާމީ ވަޙްދަތު ދަމަހައްޓައި، ދީނީ ގޮތުން ހޭލުންތެރި، ވަރުގަދަ މުޖުތަމަޢެއް ބިނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ.

 

މިއަދު އޮންލައިން