ސައޫދީ އަރަބިއްޔާގެ ރިޔާޟް އަދި މަދީނާ ސަރަޙައްދުގައިވާ އީސްޓް-ވެސްޓް ޕައިޕްލައިނަށް އަމާޒުކޮށް އިރާޤުގެ ސަރަޙައްދުން ފޮނުވާލި ޑްރޯންތަކަކުން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް އެކިވަރުގެ އަނިޔާތައް ލިބި، ތެޔޮ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ދިވެހި ސަރުކާރުން ހާމަކުރި ގޮތުގައި، ސައޫދީގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދެވުނު މި ހަމަލާއަކީ އެ ޤައުމުގެ އިސްތިޤުލާލަށާއި ސަރަޙައްދީ ނަޒާހަތްތެރިކަމަށް އަރައިގަތުމުގެ ސާފު އަމަލެކެވެ. އަދި މިއީ މުޅި ސަރަޙައްދުގެ ސުލްހަމަސަލަސްކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް އޮތް ވަރަށް ސީރިއަސް ނުރައްކަލެއް ކަމުގައިވެސް ރާއްޖެއިން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން، ސައޫދީ އަރަބިއްޔާގެ ސަރުކާރާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަން ވަނީ ތަކުރާރުކޮށް ހާމަކޮށްފައެވެ. އަދި ސައޫދީގެ އިސްތިޤުލާލާއި، ސަލާމަތާއި، ސަރަޙައްދީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.