ދިވެހިރާއްޖޭގައި އިމާރާތްކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި އިސްލާމީ ހަޟާރަތާބެހޭ މަރުކަޒަކާއި ބޮޑު މިސްކިތެއް ބިނާކުރުމަކީ މީގެ ދެ އަހަރު ކުރީއްސުރެ ރޭވިފައިވާ ކަމެކެވެ. ފުރަތަމަ މި މަޝްރޫޢު ހިންގަން އުޅުނީ ސެންޓްރަލް ޕާކު ސަރަހައްދުގައި ކަމަށް ވިޔަސް، ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި އެކަން ކާމިޔާބުވާ ގޮތް ނުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އެމަނިކުފާނުގެ ޚާއްސަ އިސްނެންގެވުމާއި އަހައްމިއްޔަތުކަމާއެކު މި މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި އަމާޒަކީ އެންމެ ގިނަވެގެން ދެ އަހަރުގެ ތެރޭގައި މިސްކިތުގެ އިމާރާތް ނިންމުން ކަމަށާއި، މިސްކިތާ ގުޅިފައިވާ ވަޤުފް މަޝްރޫޢުތަކުގެ ޤާނޫނީ ކަންކަން ފުރިހަމަކުރުމަށްފަހު އެބައި ވަކިން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި މިސްކިތާއެކު ގާއިމުކުރެވޭ މަރުކަޒުން ރާއްޖެ އިސްލާމްވި ތާރީޚާއި ވޭތުވެދިޔަ 900 އަހަރުގެ އިސްލާމީ ހަޟާރަތް ފެންނަން ހުންނާނެ ކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ. އަދި މިއީ ޤައުމީ ފެންވަރުގެ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި، އެޗްޑީސީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްވާ އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.