މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ޙައްލުވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ބޮޑުމިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި މިހާރު ވަނީ ޚާއްޞަ ކުންފުންޏެއް އުފައްދަވާފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 6 ވަޤްފް މަޝްރޫޢެއް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި ހުޅުމާލޭގައި ކުރިއަށްގެންދާ 250 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢު ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ވަޤްފް ޢިމާރާތްތަކުން ލިބޭ އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ މިސްކިތްތައް މަރާމާތުކުރުމަށާއި ދީނީ އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. ވަޒީރު ޑރ. ޝަހީމް ވަނީ މިސްކިތްތައް ބެލެހެއްޓުމަށް ހަމައެކަނި ދަޢުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ދެމެހެއްޓެނިވި ވިޔަފާރިތައް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.