އޮފީހުގައި ހުންނަ ނަމާދުކުރާތަނަށް ބަލައިލިއިރު މުވައްޒިފަކު ދެއަތް އުފުލައި ދުޢާކުރަނީއެވެ. ބިތްގަނޑުގެ އަނެއްފަރާތުން ގޮސް އަޑުއަހައިލިއިރު އޭނާކުރާ ދުޢާއަކީ:
"ޔާ ﷲ! މިއަޅާ އާއި އެންމެހައި މުސްލިމުންނަކީ ފަރުޟް ފަސް ނަމާދަށް ރައްކައުތެރިވާ ބައަކު ކަމުގައި ލައްވަވާނދޭވެ! އަޅަމެންގެ ހިތްތައް އިނބަ ﷲ އަށް ލޯބިން ފުރުއްވަވައިލަދެއްވަވާނދޭވެ! އަދި އަޅަމެންނަކީ ނަމާދުނުއަޅާ ބައަކު ކަމުގައާއި ޤިޔާމަތް ދުވަހު ކުރިމަތިކުރައްވަވާނެ ނަމާދުގެ ސުވާލުން ފާސްވާނެ ބައަކު ކަމުގައި ލައްވަވާނދޭވެ!" އާމީން
އިރުކޮޅެއްފަހުން ވެރިމީހާ އޭނާ ގެންދަވާފައި އޭނާކުރި ދުޢައާއިމެދު ސުވާލުކުރީމާ ދުޢާ ކިޔައިދިނުމުން ސުވާލުކުރީ ތިއަ ދުޢާގައި ތިބާއަށް ނުފުދިހުރި އެއްވެސް ބޭނުމެއްގެ ވާހަކަ ނެތީ ކީއްވެގެންތޯއެވެ؟ އޭނާގެ ޖަވާބަކީ އޭނާހުރީ ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ފުދިގެންކަމަށާއި އިތުރަށް ބޭނުންވާ ކަމަކީ ސުވަރުގެ ލިބުން ކަމެވެ. ސުވަރުގެ ލިބެން އޮތީ ނަމާދުކޮށްގެން ކަމަށްވާތީ އެދުޢާ ވަރަށް ގިނައިން ކުރާ ކަމަށެވެ.
ވެރިމީހާ ވިސްނާލުމަށްފަހު ބުންޏެވެ. "އެހެންވީމާ ކަލެއަށް ޕަރަމޯޝަނެއް ދޭނަމެވެ. މުސާރަވެސް ބޮޑުކޮށްދޭނަމެވެ. މިއޮތީ 10،000 ޑޮލަރެވެ. ނުފުދިހުރި ބޭނުންތައް ފުއްދައިލާށެވެ!"
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ދެއްވަވަރަށް ފުދިގެން ހުރެ ސުވަރުގެ ލިބިގަންނަން މަސައްކަތްކުރާށެވެ! ދުނިޔޭގައިވެސް ތިބާއަށް ތަނަވަސްކަމާއި އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. އެކި މީހުންނަށް އެކި ގޮތަށެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން