ބިރުވެތިވޭ!: ދެމަފިރިންގެ މެދުގައާ ޢާއިލާގެ ތެރޭގަ ފިތުނަ އުފެދޭނެ ގޮތަށް ވާހަކަ ފެތުރުމަކީ އެންމެ ނުބައިކަން ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ބިރުވެތިވޭ!: ދެމަފިރިންގެ މެދުގައާ ޢާއިލާގެ ތެރޭގަ ފިތުނަ އުފެދޭނެ ގޮތަށް ވާހަކަ ފެތުރުމަކީ އެންމެ ނުބައިކަން ބޮޑު ފާފައެއް!

މިޢުރާޖުގެ ދަތުރުފުޅުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފެނިވަޑައިގެންނެވި އެއްބައަކީ ލުއިންވާ އެމީހުންގެ ދިގު ނިޔަފަތިތަކުން މޫނުގައއާއި މޭގައި ވަކި އަޅައި މަސްނޮޅާ ބައެކެވެ. އެއީ ނެތިމޮށެ އުޅުނު މީހުންނެވެ.   

ޢަޛާބް ދެއްވަވާނީ ފާފަކޮށް ތައުބާނުވާ މީހުންނަށެވެ. ޢަޛާބު ގަދަފަދަ ކުރައްވަވާނީ ކުރިފާފަ ބޮޑުވީމައެވެ. މިބަޔާންކުރެވުނީ ކޮންފަދަ ބޮޑު ޢަޛާބެއް ހެއްޔެޔެވެ؟  

ޣީބަބުނުން ނުވަތަ ނެތިމޮށުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން މިކިޔައިދިންވަރުންވެސް އެބައެނގެއެވެ. އަދިވެސް ވިސްނައިލާށެވެ!  ރޯދައަށްހުރެ ނެތިމޮށޭނަމަ އެމީހާގެ ރޯދަ ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.  

ކޮންމެއަކަސް މިބޮޑުފާފަ ޢާންމުވަމުން އައިސް ގޭތެރޭގައި މިބޮޑުފާފަ އެބަކުރެއެވެ. ކޮންމެވެސް ގޮތަކުން މީހެއްގެ ވާހަކަ ހޯދައިގެންގޮސް އަނެއް އަޚާގެ ގާތުގައި ދައްކައި ދެބެއިންގެ މެދުގައި އެބަ ފިތުނަ އުފައްދައެވެ. ގާތް އެކުވެރިންގެ މެދުގައި ފިތުނަ އުފެދޭނެ ގޮތަށް އެބަ ވާހަކަތައް ދައްކައެވެ.  

މިބޮޑުފާފަކުރާ މީހުން، އެހެން މީހުންގެ ކިބައިން ކަންކަން ކޮންނަންވެސް ވަރަށް މޮޅުވާނެއެވެ. ކޮންނަން ފެށީމާ އިތުބާރުކޮށްފައި ބުނެވޭ، އަޑުއިވުމުން ސިއްރުކުރަންޖެހޭނެ ޥާހަކަތަކުގައި މީރުރަހަ ލައްވައިގެން ގޮސް އަނެއް އަޚާއަށް ކާންދެނީއެވެ. އެހިސާބުން އަޑުއިވުނު މީހާއަށް އިންތިހާއަށް ކުޅިވެއެވެ. އަނގައިގައި ފޮޅުލާވަރުވެއެވެ. މާނައަކީ އެފަދަ ވާހަކަތަކުގެ އަޑުއިވުމުން ހަމައިން ނެއްޓޭވަރަށް (ކެތްކުރަން އުނދަގޫވަރަށް) ރުޅިގަނަވެގެންދެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ނެތިމޮށޭމުން ނުހިނގާށެވެ! ޚާއްޞަކޮށް ޢާއިލާތެރޭގައި ފިތުނަ ނުއުފައްދާށެވެ. ރަޙިމުގެ ގުޅުން ކެނޑޭނެ ކަންކަން ނުކުރާށެވެ! އެއިރުން ޣީބަބުނުމުގެ އިތުރުން ރަޙިމުގެ ގުޅުން ކެނޑުވިކަމުގެ ފާފަވެސް ކޮނޑުގައި އަޅަންޖެހޭނެތީއެވެ. އެކުވެރިންގެ މެދުގައި ފިތުނަ އުފެއްދުންވެސް ހަމަ އެފަދައެވެ. ޖުމުލަކޮށްލާފައި ބުނަންއޮތީ ޣީބަ ބުނުމާއި ދުރުހެލިވާށެވެ! ކައްވަޅުގެ ޢަޛާބުންނާއި ޤިޔާމަތްދުވަހުގެ ޢަޛާބުން ސަލާމަތްވެވެން އޮތީ އެއިރުންނެވެ.  

އަޅުކަމުގެ ތެރެއިން ޙައްޖުގެ މަތިވެރި އަޅުކަން ފިޔަވައި އެންމެ ބޮޑު ބުރައެއް އުފުލައިގެން ކުރާ އަޅުކަމަކީ ރޯދަހިފުމެވެ. ޣީބަ ބުނަމުން ހިނގާ މީހާ ހިފާ ރޯދަ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެކަން އެނގެން އޮތްއިރު އޭނާ ދެންކުރާ ހެޔޮ ޢަމަލުތައްވެސް ޤަބޫލުފުޅުކުރައްވަވާނެކަމަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ނުވަތަ ކޮން އުންމީދެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން