އަހުރެންގެ ގާތަށް ލަފާހޯދަން އަންނަ ގިނަ މީހުންގެ ޥާހަކަތަކުން އެނގޭ ގޮތުގައި ދެމަފިރިންގެ މެދުގައި މައްސަލަތައް ގޯސްވެ ހޫނުވެގެންދަނީ ތިމާގެ ބާރާ ނުފޫޒު ގަދަކަން ދައްކަން ކަންކަން ކުރާތީއެވެ. މިއީ މިޒަމާނުގަ އެކަކަށްވެސް ކާމިޔާބުކުރެވޭނެ ސިޔާސަތެއް ނޫނެވެ. އަންހެނުންގެވެސް އަދި ފިރިހެނުންގެވެސް ހޭލުންތެރިކަން މާބޮޑުވެއްޖެއެވެ.
އަހުރެން ބުނާނީ މުބާރާތް ކުރިއަށް ގެންދަންވީ އަނެކާއަށްވުރެ ތިމާ އަނެކާއަށް ހެޔޮކޮށްހިތުމަށް ކަމަށެވެ. އެހެން މިބުނަނީ ސަބަބު ފެންނަން އޮތުމުންނެވެ. މިޘާލަކަށް ބުނާނަމަ އަނެކާގެ ކުށެއް ފެނުނަސް އަދި އުނިސިފައެއް ހުރިނަމަވެސް އޭނާއަކީ ތިމާއަށް ހެޔޮކޮށް ހިތަމުންއަންނަ މީހަކުކަމަށްވާނަމަ އޭނާއަށް ދެރައެއް ދޭކަށް އަދި ވަކިވާކަށް ގިނަ ބައަކު ބޭނުމެއް ނުވެއެވެ. ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިޔަސް އެކަން ޙައްލުކޮށް އެކުގައި އުޅެން ބޭނުންވެއެވެ.
ވަރަށް ފަހުންވެސް ކްލައިންޓަކު އޭނާގެ ފިރިމީހާކުރާ ބައެއް ކަންކަމުގެ ވާހަކަ ކިޔައިދިނުމުން އަހުރެންނަށްވެސް ޙައިރާންކަން ލިބުނެވެ. އެވަރުންވެސް ވަކިނުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ އޭނާއަކީ ވަރަށް ހެޔޮ މީހެއް ކަމަށެވެ. ވަކިވެ ދެންގުޅެވޭ މީހާގެ ކިބައިން އެފަދަ ހެޔޮކަން ނުފެންނަނަމަ ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެތީ ކަމަށެވެ.
މިމޭރުމުން ބުނާ ކިތަންމެ ބައަކާއި ބައްދަލުވެއެވެ. ވީމާ އަހުރެން ބުނާނީ އަނެކާއަށް ހެޔޮކޮށް ހިތުމުގެ މުބާރާތަކީ އެއްދުވަހުން ނިންމާލައިގެން ވާން އޮތް މުބާރާތެއް ނޫން ކަމަށެވެ. އެއީ ޢުމުރަށްވެސް ކުރިއަށް ގެންދަންޖެހޭ މުބާރާތެއް ކަމަށެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން