ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު މުނާސަބަތާއި ދިމާކޮށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބޭއްވި ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ދައުލަތުގެ ވަޒީރުންނާއި، ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން، މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު ވަރަށް އާ ބާރެެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ސިފަކުރައްވާފައެވެ. އަދި މިއީ ޤައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މިއަދު ފެންނަ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ޢިލްމުވެރީންނާއި، ވިސްނުންތެރީންނާއި، ޙިކްމަތްތެރީންގެ އިތުރުން ކުޅަދާނަ ބަސްމޮށުންތެރީންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއަކީ، ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު މުހިއްމު މަހާސިންތާއެކެވެ. މި މަހާސިންތާގެ ތެރެއިން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ބައިވެރިވެލެއްވި ޚާއްސަ ދަންފަޅިއެއްވެސް ކުރިއަށް ގެންދަވާފައިވެއެވެ.
ހަބަރު: ސަރުކާރު