ޤައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން، ވެރިރަށް މާލެއިން ދ. ކުޑަހުވަދޫއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. އެ އެއާލައިނުން މަޢުލޫމާތު ދޭ ގޮތުގައި މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި މާލެ އަދި ކުޑަހުވަދޫއާ ދެމެދު ދަތުރުތައް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އަދި މި އައު ސަރވިސް ފެށުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނަލް ފެއަރއެއްގެ ގޮތުގައި ޓިކެޓުގެ އަގަކީ 1،111 ރުފިޔާ އެވެ. މި ދަތުރުތަކަށް ޓިކެޓް ނެގުމުގެ ފުރުސަތު ސެޕްޓެންބަރު 13 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަން، ޓިކެޓިންގ އޮފީސްތައް އަދި އޮތޮރައިޒްޑް ސޭލްސް އޭޖެންޓުން މެދުވެރިކޮށް ލިބިގެންދާނެއެވެ.
ކުޑަހުވަދޫއަށް ފަށާ މި ދަތުރުތަކާއެކު، މޯލްޑިވިއަންގެ އެތެރޭގެ ވައިގެ ވިއުގާގައި ދަތުރުކުރާ މަންޒިލްތަކުގެ އަދަދު 18 އެއާޕޯޓަށް އަރާނެއެވެ. މިއީ އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.