މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ އޮގަސްޓް މަހުގެ މާލީ ރިޕޯޓަށް ބަލާއިރު، އެ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 7 މިލިއަން ރުފިޔާ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު 8 މިލިއަން ރުފިޔާއާ އަޅާކިޔާއިރު ދަށް އަދަދެކެވެ.
އެހެންނަމަވެސް، އަހަރުގެ މިހާތަނަށް ބަލާއިރު މުދަލު ޒަކާތުގެ އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ރެކޯޑުތަކުން ދައްކާގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 104،465،702 ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 82،163،911 ރުފިޔާއާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ.
މުދަލު ޒަކާތަކީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ނިޞާބު ހަމަވެ އެއް އަހަރު ވެފައިވާ ކޮންމެ މީހެއްގެ މައްޗަށް އަދާކުރުން ލާޒިމު ދީނީ ފަރުޟެކެވެ. އަދި އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މި ޒަކާތް ދެއްކުމުގެ ފުރުސަތު އޮވެއެވެ. ފާއިތުވި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ 19،266.10 ދިވެހި ރުފިޔާ އެވެ.