ޤައުމީ ވަޤުފު ކުންފުނި އުފެއްދުމުގެ އަސްލު މަޤްޞަދަކީ މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުން ކަމަށާއި، އެއީ މިސްކިތްތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަށް ކުރި ކަމެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބަޔާންކުރައްވައިފިއެވެ.
ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ރައްޔިތުންނަށް ދަތިކުރުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ މިންވަރަކީ ހުރިހާ ރަށަކަށް ބަހާލައިގެން ބަލާއިރު އެކަށޭނަ އަދަދެއް ނޫނެވެ. އަދި މިފަދަ ބޮޑު މާލީ ބުރައެއް އެކަނި އުފުލުމަކީ ކައުންސިލްތަކަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށާއި، މި ކުންފުނި އުފެއްދެވީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަޤްޞަދުގައެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ މިސްކިތްތައް ފޭރިގަތުން ނޫން ކަމަށާއި، އެކި ވިޔަފާރިތަކުގެ ތެރެއިން މަރާމާތަށް ފައިސާ ހޯދުން ކަމަށެވެ. އަދި މިހާރުވެސް މާލެ ސިޓީ ކައުންސިލަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ދޫކުރަމުން އަންނަކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރާއްޖޭގައި ހުރި 800 އަށް ވުރެ ގިނަ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބެލެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރިތައް މެދުވެރިކޮށް އާމްދަނީ ހޯދުމަކީ އެހެން ޤައުމުތަކުގައި ވެސް ޒަމާނީ އުސޫލުތަކުގެ ދަށުން އަމަލުކުރަމުން އަންނަ މުހިންމު ކަމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ވަޤުފުގެ ނިޒާމުން އެންމެ ބޮޑު ފައިދާއެއް ލިބޭނީ ކައުންސިލްތަކަށް ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ބިނާކުރި ދާރުލް އީމާން ވަޤުފު އިމާރާތުން އަހަރަކު ލިބޭ 6 މިލިއަން ރުފިޔާ ވެސް ހޭދަކުރެވެނީ މިސްކިތްތަކުގެ ކަންކަމަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖޭގައި މިފަދަ މަޝްރޫޢުތައް ނިމުމުން ކައުންސިލްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.