ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިރޭ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވާނެއެވެ. މި ދަތުރުފުޅަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން މިހާރު ދަނީ ނިންމަމުންނެވެ.
މި ޒިޔާރަތުގެ ތެރެއިން ދެ ޤައުމުގެ އެންމެ މަތީ ވެރިންގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ. މީގެއިތުރުން ތަފާތު އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން ފުޅާކުރުމަށްވެސް މަޝްވަރާކުރެވޭނެއެވެ.
މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.