ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރަމުންދާ ކަމަށް ހޮޓްލައިން މެދުވެރިކޮށް ލިބުނު ރިޕޯޓުތަކަކާ ގުޅިގެން، 12 ބިދޭސީއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ހާމަކުރައްވައިފިއެވެ.
ހުއްދައަކާ ނުލައި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޓާސްކްފޯސްގެ ޚާއްޞަ ނަންބަރެއްވެސް އާންމުކޮށްފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ 12 މީހުންގެ ތެރެއިން މިހާތަނަށް 9 މީހަކު ވަނީ ހައްޔަރުކޮށް ބަންދުކޮށްފައެވެ. ނަމަވެސް، މިފަދަ ގޮތްގޮތަށް މީހުން ހައްޔަރުކުރުމުން އެމީހުންގެ ޒިންމާ ނަގަން ބައެއް ދިވެހިން ކުރިމަތިލާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ބިދޭސީން ރާއްޖެ އެތެރެކުރުމަށްފަހު އެމީހުން ކުރާ ކަންކަން ނުބަލައި ދޫކޮށްލާފައި، ގާނޫނީ ފިޔަވަޅު އަޅަން ފެށުމުން އެމީހުންގެ ދިފާއުގައި ނުކުތުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ފުޅާ ދާއިރާއެއްގައި މިފަދަ ވިޔަފާރިކުރާކަން ސާބިތުވެއްޖެނަމަ އެކަށީގެންވާ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށާއި، ދިވެއްސެއްގެ އެހީތެރިކަމާއެކު ނުވަތަ ނިވަލުގައި މިކަން ކުރާނަމަ އެ ދިވެހި މީހާއާ މެދުވެސް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
މީގެއިތުރުން، ގާނޫނު ތަންފީޒުކުރަން ފެށުމުން ސްޕޮންސަރުން އިހުމާލުވާކަން ސާފުވާ ކަމަށް ފާހަގަކުރައްވައި، އިހުމާލުވާ ކޮންމެ ބިދޭސީއަކަށް އެމީހެއްގެ ސްޕޮންސަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.