ބޭރު ފައިސާގެ ގަވާއިދަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް: ބަންޑާރަނައިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބޭރު ފައިސާގެ ގަވާއިދަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް: ބަންޑާރަނައިބު

ބޭރު ފައިސާ މާރުކުރުމާ ބެހޭ ގަވާއިދުތަކަށް ނުވަތަ ޤާނޫނަށް މި ދަނޑިވަޅުގައި އިތުރު ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ހާމަކުރައްވައިފިއެވެ.

ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ރާއްޖޭގައި ހިންގާ އޭ ކެޓަގަރީގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ދިވެހި ބޭންކިންގ ނިޒާމަށް މާރުކުރަން މަޖުބޫރުވާ ޑޮލަރުގެ މިންވަރު ވަނީ 40 އިންސައްތައަށް މަތިކޮށްފައެވެ. އަދި މި އައު އުސޫލަށް ކުރިއަށް އޮތް އޮކްޓޯބަރު މަހުން ފެށިގެން އެ ދާއިރާގެ ވިޔަފާރިތަކުން އަމަލުކުރަން ޖެހޭނެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދުނިޔޭގެ މާލީ ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކޮށް، ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ އަދަދަށް ލުޔެއް ދިނުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ އެބައޮތްތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ފާހަގަކުރެއްވީ، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން އިސްލާހު ގެނައީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ފުޅާ ދިރާސާތަކަށް ބިނާކޮށް ކަމަށެވެ. އަދި އެ ދިރާސާތަކުގެ ނަތީޖާއިން ޓޫރިޒަމް ވިޔަފާރިތަކުން މާރުކުރަންޖެހޭ އަދަދު ބޮޑުކުރަން ޖެހޭކަން ސާފުވާތީ، ޤާނޫނަށް އިތުރު އިސްލާހެއް ގެންނަން ގަސްދުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް އިތުރަށް ވިދާޅުވީ، "މާރުކުރަންޖެހޭ އަދަދު 40 އިންސައްތައަށް އިތުރުކުރަން ނިންމީ އެމްއެމްއޭގެ ހޯދުންތަކުން އެއީ ގެންނަން މުހިންމު ބަދަލެއް ކަމަށް ދެއްކުމުން" ކަމަށާއި، އެހެންކަމުން މި ދަނޑިވަޅުގައި ޤާނޫނަށް އިތުރު އެއްވެސް އިސްލާހެއް ހުށަހެޅުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

މިއަދު އޮންލައިން