އެކަނިވެރިކުރައްވަވާނީ ކުރިން ދެކަނިވެރިވެސް ކުރެއްވެވި ﷲ ތަޢާލާ! އެއީ ފުރުޞަތުގެ ބޭނުންހިފާ މީހުންނަށް އެއީ ލައްވަވާ ބޮޑު ރަޙްމަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
އެކަނިވެރިކުރައްވަވާނީ ކުރިން ދެކަނިވެރިވެސް ކުރެއްވެވި ﷲ ތަޢާލާ! އެއީ ފުރުޞަތުގެ ބޭނުންހިފާ މީހުންނަށް އެއީ ލައްވަވާ ބޮޑު ރަޙްމަތެއް!

އެކަނިވެރިކުރައްވަވާނީ ކުރިން ދެކަނިވެރިވެސް ކުރެއްވެވި ﷲ ތަޢާލާ އެވެ. އެއީ ފުރުޞަތުގެ ބޭނުންހިފާ މީހުންނަށް އެއީ ލައްވަވާ ބޮޑު ރަޙްމަތެކެވެ. އެދެއްވަވަނީ އަޅުކަންކުރުން ގިނަކޮށްލެވޭނެ ފުރުޞަތެކެވެ. ހިތްވަރުކޮށްލާފައި ﷲ ތައާލާ އާއި ކުއްތަންވެލަން ކުރާ މަސައްކަތް އިތުރުކޮށްލުމުން މާމަތީ ހަރުފަތަކަށް ގެންދަވާނެއެވެ. މާށބޮޑު އުފާވެރިކަމެއް ދެއްވަވާނެތެވެ. އިން ޝާ ﷲ

ކޮންމެ މީހަކީވެސް ފުރަތަމަ އެކަނިވެރިއެކެވެ. ފުރަތަމަ ދެކަނިވެރިވަނީ ބައިވެރިއަކު ހޯދާހިސާބުންނެވެ. އިތުރުވެގެންދަނީ ދަރިން ލިބެން ފެށުމުންނެވެ. އިތުރުވާވަރަކަށް އުފާވެރިކަންވެސް އިތުރުވެއެވެ. ހަމައެފަދައިން އެކަނިވެރިވާންޖެހިއްޖެނަމަ ކުރަންޖެހޭ ހިތާމަތައްވެސް އިތުރުވެގެންދެއެވެ. ވީމާ ދައްކަން މިއުޅެނީ އެހިތާމަތަކަށް އޮތް ޙަޤީޤީ ޙައްލުގެ ވާހަކައެވެ.  

ނުހަނު އުފާވެރި އުންމީދުތަކާއެކު ދިރިއުޅެމުން އައި ޙަޔާތުގެ ބައިވެރިޔާ އެމީހަކު ދޫކޮށްލާފައި ދިއުމުން ނަމަވެސް އަދި ދަރިން އެމީހަކު ދޫކޮށްލާފައި ދިއުމުން ނަމަވެސް އެކަނިވެރިކަން އިޙްޞާޞްކުރަން ޖެހޭ މީހުން ވިސްނައިލަންވީ މިފަދަ ބަސްތަކަށެވެ.  

"އެކަނިވެރިވުމަކުން އަހަރެން ދެރައެއް ނުވަމެވެ. ބައިވެރިޔާވެސް އަދި އެންމެން އަހަރެން ދޫކޮށްލާފައި ދިއަ ނަމަވެސް ﷲ އަހަރެންނާއިއެކު ވެއެވެ. މިއީވެސް ހަމަ އިމްތިޙާނެކެވެ!" 

ޙައްލަކީ މިއީއެވެ. މީހާ އެކަނިވެރިވުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އެ ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ. އަޅުކަންކުރުން ގިނަކުރާށެވެ! އެއިރުން ހުރިހާ އެކަނިވެރިކަމެއްވެސް ފިލައިގެންދާނެއެވެ. އިން ޝާ ﷲ! 

އެކަނިވެރިވުމުން މާޔޫސްވެ ނަފްސާނީ ބަލިކަމެއްގެ ތެރެއަށް މީހާ ވައްޓައިލުމަކީ ކޮންމެ މީހަކު ނަމަވެސް އަމިއްލައަށް ކުރާ ކަމެކެވެ. ދެންމެ މިބުނި ވިސްނުމުގައި ޢަމަލުކުރާ މީހާ ހުންނާނީ އެފަދަ ހުރިހާ މުޞީބާތްތަކުން ސަލާމަތްވެވިގެންނެވެ. އިން ޝާ ﷲ 

ބައެއް މީހުން އެމީހުން ދިރިއުޅުމުގައި އެކަނިވެރިވުމުން މާޔޫސްވެއެވެ. ބައެއް މީހުން މާޔޫސްވަނީ އެމީހުންގެ ބައިވެރިޔާ އެމީހުން ދޫކޮށްލާފައި ދިއުމުންނެވެ. އަނެއް ބައަކު އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި ދަރިން އަނބުރައި ގެންދެވުމުން ވެސް އެކަނިވެރިކަން އިޙްޞާޞް ކުރެވި މާޔޫސްވެއެވެ.  

ދަރިން ދުނިޔެ ދޫކޮށްފައި ދަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. އެމީހުން ދުނިޔޭގައި އުޅުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަގުތު ހަމަވުމުންނެވެ. އީމާންކަން ފުރިހަމަވާނީ އެއީ މިންވަރުފުޅު ކަމަށް ޤަބޫލުކުރުމުންނެވެ. ވީމާ ދަރިން، މައިންބަފައިން ދޫކޮށް މަރުވެދަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރަކު ނޫނެވެ.  

ނަމަވެސް ދުނިޔޭގައި ތިބެ މައިން ބަފައިން ދޫކޮށް ދާ ދަރިން އެކަން ކުރަނީ ޤަޞްދުގައެވެ. އެމީހުންގެ އަމިއްލަ އިޚްތިޔާރުގައެވެ. މައިން ބަފައިންނަށް ނިކަމެތިކަން އެދެނީ އެމީހުންގެ ޤަޞްދުގައެވެ. އެކަމުގެ ޒިންމާ އުފުލަން އެމީހުންނަށް ޖެހޭނެ ދުވަސް އޮތީ ކުރިއަށެވެ.   

ނަމަވެސް ދެމަފިރިންކުރެ ކޮންމެ މީހަކު ބޭނުންވެގެން ނަމަވެސް ކައިވެނި ރޫޅައިލަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައެވެ. އެކަން ކުރުމަށްފަހު އެކަން ކުރަން ބޭނުންވި މީހާއަށް އެއީ އިރާދަ ކުރެއްވެވި ގޮތް ކަމަކަށް ނުބުނެވޭނެއެވެ. އެހެނީ ކައިވެނި ރޫޅައިލަނީ ކައިވެނި ރޫޅާނުލައި ދެމެހެއްޓުމުގެ އިޚްތިޔާރު ﷲ ތަޢާލާ އެމީހަކަށް ދެއްވަވާފައިވަނިކޮށެވެ. ނަމަވެސް ދެމީހުންކުރެ އެކަކު ކައިވެނި ރޫޅައިލަން ބޭނުން ނެވެ ހުރި ނަމަ ބޭނުން ނުވި މީހާއަށް އެއީ އިރާދަފުޅު ކަމަށް ބުނެވިދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން