އަނބިންގެ ގައިގައި ތަޅާ އަނިޔާ ނުކުރުމާއިބެހޭ ގޮތުން ނަޞީޙަތްތެރިވުމުން ބައެއް ފިރިން ފާހަގަކުރައްވާ މައްސަލައަކީ އަނބިން އެމީހުން ރުޅިގަދަކުރުވާ މައްސަލައެވެ. ނުކުރަން ބުނާ ކަންކަން ތަކުރާރުކޮށްކުރާ މައްސަލައެވެ. ނުކިޔަމަންތެރިކަން ތަކުރާރުކުރާ މައްސަލައެވެ. މިކަންކަން ބައެއް ފިރިން ފާހަގަކުރައްވާތީ ދަންނަވަމެވެ.
ބައެއް އަނބިން އެމީހުންގެ ފިރިން ރުޅިގަދަކުރުވައެވެ. ވަރަށް ކުދިކުދި ކަންތަކާއިވެސް ޒުވާބުކޮށް މާބޮޑުކަމަކަށް އެކަންކަން ހަދައެވެ. އެކަން މެދުވެރިވާ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ޅަފަތުގައި ލިބިފައި ހުންނަ ތަރުބިއްޔަތެވެ. ދިރިއުޅެ ބޮޑުވި މާހައުލުން ފެނިފައި ހުންނަ މަންޒަރުތަކެވެ.
އެހެންކަމުން އެފަދަ ކަންކަން ކުރިމަތިވާނަމަ ރުޅިއިސްކުރުމުގެ ކުރިން އޭނާގެ ޙާލަތު ދެނެގަންނާށެވެ. އެކަން އެގޮތަށް މެދުވެރިވަނީ ކުރިން މިބުނި ފަދަ ކަމަކާއި ގުޅިގެން ކަމަށްވާނަމަ އޭނާއަށް ވިސްނައިދީ އެކަމުން އަރައިގަތުމަށް އެހީތެރިވާށެވެ. ފިރންގެ ތެރޭގައިވެސް މިބުނިފަދަ މައްސަލަތައް ހުރި މީހުން ތިބޭނެއެވެ. އެހެންކަމަށްވާނަމަ މިބުނި މަގުން ކަންކަންކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ
އަނބިމީހާ ރުޅި އެރުވި ނަމަވެސް ފިރިން ކެތްތެރިކަން އިސްކުރުމަކީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ ކަމަށް ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ކެތްތެރިވާ ފިރިންނަށް ކެތްތެރިންނަށް ދެއްވަވާ އެންމެ މަތީ ދަރަޖަ ﷲ ތަޢާލާ ދެއްވަވާނެ ކަމަށެވެ. (މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން