ލިބޭ ދަރިން އިސްލާމީ ނޫރުން ޒީނަތްތެރި ކުރުވޭނެ މައަކު ހޯދައި ނުދީ ގަހަނާއާ ރީތި ފޭރާމުން ދަރިން ޒީނަތްތެރިކުރުމަކުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ލިބޭ ދަރިން އިސްލާމީ ނޫރުން ޒީނަތްތެރި ކުރުވޭނެ މައަކު ހޯދައި ނުދީ ގަހަނާއާ ރީތި ފޭރާމުން ދަރިން ޒީނަތްތެރިކުރުމަކުން ކުރާނެ ފައިދާއެއް ނެތް!

ކައިވެނިކުރާނެ އަންހެނަކު އިޚްތިޔާރުކުރާއިރު ގިނައިން ބެލެނީ ސިފައަށާއި ތަނަވަސްކަމަށެވެ. ނުވަތަ އެނޫންވެސް ގޮތަކުން އޭނާގެ ފަރާތުން ލިބިދާނެ ފައިދާއަކަށެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ މުހިންމު ކަންކަމެއް ނޫނެވެ. އެންމެ މުހިންމު ކަންތައް މިކިޔައިދެނީއެވެ.  

އިސްފަސްކުރުން ހުއްޓާލަމާ ހިނގާށެވެ! ކޮންމެ މީހަކުވެސް ދަރިން ބޭނުންވާނެއެވެ. އަދި އެދަރިންނަކީ ވީހައި ބަލައިލަންވެސް ރީތި، ޞިއްޙީ ގޮތުން ދުޅަހެޔޮ، ތައުލީމީ ގޮތުން އެންމެ މޮޅު، ތޫނުފިލި ކުދިން ކަމުގައި ހަދަންވެސް ބޭނުންވާނެއެވެ.  

ދަރިފުޅުގެ ގައިގެ ކުލަ ކިތަންމެ ދޮންވެފައި ބޭރުފުށުން ކިތަންމެ ރީތި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ލައްވާ ހެދުމާއި އަޅުވާ ގަހަނާ ރީތިވެފައި ކިތަންމެ އަގުބޮޑު ނަމަވެސް އަދި އެކަންކަމަށް ކިތަންމެ ބޮޑު ހޭދައެއް ކުރި ނަމަވެސް އެކަންކަމުން ދަރިފުޅަށް ޙަޤީޤީ އެއްވެސް ފައިދާއެއް ނުކުރާނެއެވެ. 

އެއިގެ ބަދަލުގައި ކުއްޖާއަށް ފައިދާކުރާނީ ކީރިތި ޤުރްއާނާއި އިސްލާމް ދީން އެނގިގެންނެވެ. ސުންނަތް އެނގިގެންނެވެ. ނަމާދުކޮށް ޛިކުރްކުރާ ކުއްޖަކު ކަމުގައި ހެދިގެންނެވެ. ޙަރާމް، ޙަލާލް ވަކިކުރަން އެނގި އަދި އެއަށް ޢަމަލުކުރަންވެސް އެނގިގެންނެވެ. 

މިކަންކަން ޙާޞިލުކުރެވޭނީ މާތް ﷲ އަށް ބިރުވެތިވާށާއި މާތް ﷲ އަށް ޝުކުރުކުރަން ވެސް އެނގިގެންނެވެ. އަދި މިހުރިހާ ކަންކަން ދަރިންގެ ކިބައިގައި އަށަގަންނުވައި ތިމާ މަރުވުމުން ތިމާއަށްޓަކައި ހެޔޮ ދުޢާކުރާނެ މުސްލިމް ދަރިއަކު ތަރުބިއްޔަތުކުރުމުގެ އެންމެ ބޮޑު، ބާރުގަދަ މޭސްތިރިއަކީ ދަރިފުޅުގެ މަންމައެވެ!  

މިހުރިހާ ކަންކަން ޙާޞިލުކުރެވެން އޮތް ހަމައެކަނި މަގަކީ މިކަންކަން ދަރިފުޅަށްޓަކައި ކޮށްލައިދޭނެ އިޚްލާޞްތެރި މައަކު ދަރިންނަށް ހޯދައި ދިނުމެވެ! ދަރިންގެ ހިތްތަކުގައި އިސްލާމީ ނޫރު ލައްވުވައި ހިތްތައް އުޖާލާކޮށްދޭނެ މަންމައަކު ހޯދައިދިނުމެވެ!  

މިކަންކަން ނުކުރި ނަމަ ޤިޔާމަތް ދުވަހު ބައްޕަ ޢާއި ސުލާކުރެވޭނެއެވެ. ޖަވާބުދާރީވެސް ވާންޖެހޭނެއެވެ. ވީމާ އަނބިން ނުވަތަ ދަރިންގެ މަންމަ އިޚްތިޔާރުކުރާއިރު ދަރިންގެ ހިތްތަކުގައި  ނޫރު ލެއްވޭނެ މައިން އިޚްތިޔާރުކުރާށެވެ! ދަރިފުޅަށް ވެސް ތިބާއަށްވެސް ފައިދާކުރާނީ ދަރިފުޅުގެ ބޭރުފުށް ޒީނަތްތެރިކުރުމުގެ ބަދަލުގައި ދަރިފުޅުގެ ހިތް އީމާންކަމުގެ އަލިގަދަ ނޫރުން ދިއްލައިލަ ދެވިއްޖެ ނަމައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން