ގިނަ މީހުންނަށް އެންމެ ބޮޑަށް ކަންބޮޑުވެވޭ ވަޤުތަކީ ތިމާއާއި ދިމާއަށް ކޮންމެވެސް މީހަކު ނުބައިބަސްތައް ބުނާ ވަޤުތެވެ. ހަޤީޤަތުގައި ގިނަ މީހުންނަށް މީހަކު އެމީހުންގެ ގައިގައި ޖަހާ ވަޤުތައްވުރެވެސް އެވަޤުތު، ތިމާއާއި ދިމާއަށް ނުބައިބަސްތައް ބުނާ ވަޤުތު ކަންބޮޑުވެވެއެވެ.
ސައިކޮލޮޖިސްޓުން ބުނަނީ އެޙާލަތުގައި އަނެކާއަށް އެންމެ ވަރުގަދައަށް ޙަމަލާދީ ބަލިކޮށްލެވޭނީ އަނގައިންވެސް ނުބުނެ ހުރުމުން ކަމަށެވެ. އަދި އިސްދަށަށް ޖަހައިގެން ނުވާނެ ކަމަށާއި ބަލަންޖެހޭނީ އޭނާގެ މޫނަށް ކަމަށެވެ.
އެހެން ނަމަވެސް ގިނަ މީހުންނަށް ޢަމަލުކުރެވޭ ގޮތަކީ ތިމާއާއި ދިމާއަށް މީހަކު އެއްޗެއްބުނެފިނަމަ އަވަހަށް ރައްދިދިނުމެވެ. ޤަބޫލުކުރެވެނީ މޮޅުވެވޭނީ އޭނާއަށްވުރެ ގިނަ އެއްޗެތި އޭނާއަށްވުރެ ބާރަށް ބުނެގެން ކަމަށެވެ. އެހެންވެ އެގޮތަށް ޢަމަލުކުރެވެނީއެވެ.
އިސްލާމް ދީނަށް ބެލިނަމަވެސް ޢަމަލުކުރަން އޮތް ގޮތަކީ އަޅައިވެސް ނުލައި މަޑުން ހުރުމެވެ. އަނެކާގެ ދަރަޖައަށް ވެއްޓިނުގަނެ އޭނާ ކިޔާ އެއްޗެތި އަޑުއަހަން ހުރުމެވެ. އަޑުއަހަން ހުންނަން އުނދަގޫވާނަމަ ދުރަށް ދިއުމެވެ. އެމީހަކަށް ރައްދުދީ ޒުވާބުކުރުމެއް ނެތެވެ.
ވިސްނާށެވެ! ޙަދީޘްފުޅުން އެނގެން އޮތީ މީހަކު ތިބާއަށް އެއްޗެތިގޮވައި ނުބައިބަސްބުނާ ވަޤުތު އޭނާއަށް ރައްދުނުދޭނަމަ އެމީހާގެ ދިފާޢުގައި މަލާއިކަތުން ތިއްބަވާނެ ކަމެވެ. ނަމަވެސް ރައްދު ދީފިނަމަ އެމީހަކު ދޫކުރައްވަވައި އެތަނުން މަލާއިކަތުން ދުރަށް ވަޑައިގަންނަވާނެ ކަމާއި އެއރުން އެތަނުގައި ވަޒަންވެރިވާނީ ޝައިޠޯނާ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން