ވޭތުވެދިޔަ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 199.89 މިލިޔަން ރުފިޔާ ލިބިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ވޭތުވެދިޔަ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 199.89 މިލިޔަން ރުފިޔާ ލިބިއްޖެ

ވޭތުވެދިޔަ އޮގަސްޓު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 199.89 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު 191.16 މިލިޔަން ރުފިޔާއާ އަޅާކިޔާއިރު 4.6 އިންސައްތައިގެ އިތުރުވުމެކެވެ. މީގެއިތުރުން، ނިމިދިޔަ މަހު އެމެރިކާ ޑޮލަރުން ބަލައިގަތް ޖުމްލަ އާމްދަނީގެ ތެރެއިން 13.3 އިންސައްތައަކީ ގްރީން ޓެކުހުން ލިބުނު ފައިސާއެވެ.

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 1.56 ބިލިޔަން ރުފިޔާ ގްރީން ޓެކުހުން ލިބިފައިވާ ކަމަށް މީރާއިން ވަނީ ހާމަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.47 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެއިތުރުން، ވޭތުވެދިޔަ އޮގަސްޓު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 199.89 މިލިޔަން ރުފިޔާއަކީ އެ މަހު ދައުލަތަށް ލިބުނު ޖުމްލަ މުޅި އާމްދަނީގެ 8.3 އިންސައްތަކަން މީރާގެ ހިސާބުތަކުން ވަނީ ދައްކުވައިދީފައެވެ.

މިއަދު އޮންލައިން