ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކޮށް ޕީއެންސީގެ ޝީޢާރާއި އެއްގޮތަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކޮށް ޕީއެންސީގެ ޝީޢާރާއި އެއްގޮތަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކޮށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޝީޢާރާއި އެއްގޮތަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރުމަށް ޕީއެންސީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފެށުނު ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުންދަނީ ނުހަނު ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށެވެ. އަދި އެއްވެސް ހަމައެއްލަމައެއް ނެތި، ޤައުމުގެ މަސްލަހަތު ގެއްލުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، "އެއްވެސް ކަހަލަ އިމެއް ނެތް ގޮތުގައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެކި ކަހަލަ ކަންކަމުގައި ޒިންމާދާރުކަން ކުޑަގޮތުގައި ކަންކަން ކުރާތަން އެބަ ފެނޭ. އެކަހަލަ އެއްވެސް ކަމަކަށް އަޅުގަނޑުމެންގެ މި ބަދަހި ލަޝްކަރުގެ ތެރެއިން ފުރުސަތު ދެވިގެން ނުވާނެ. އެއީ އަޅުގަނޑުމެންގެ މި އޮތީ ވަރަށް ސާފު އެޖެންޑާއެއް، އެންމެ ފުރަތަމަ ގައުމު، ގައުމަށް ހެވާއި ލާބަ، ގައުމަށް ހަމަޖެހުން، ގައުމަށް ރައްކާތެރިކަން، ގައުމަށް ތަރައްގީ. އެއީ ޕީއެންސީއަކީ. އެއީ އަޅުގަނޑުމެންގެ ފިކުރަކީ،" ކަމަށެވެ.

މީގެއިތުރުން ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުންދާ ހަޤީޤަތް ހަނދާން ބަހައްޓަންޖެހޭނެ ކަމަށާއި، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ އެއްވެސް ކަމަކަށް އެ ޕާޓީގެ ބަދަހި ލަޝްކަރުގެ ތެރެއިން ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޕާޓީގެ ސިޔާސަތަކީ ވަރަށް ސާފު ސިޔާސަތެއްކަން ފާހަގަކުރައްވަމުންނެވެ. އަދި ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކޮށް، ޕީއެންސީގެ ފިކުރާއި ޝީޢާރާ އެއްގޮތަށް "އެންމެ ފުރަތަމަ ޤައުމު" އިސްކޮށްގެން ހުރިހާ އެންމެންވެސް މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން