ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވޭތުވެދިޔަ މަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އިނާޔަތުގެ ގޮތުގައި 58.4 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިއީ ޖުލައި މަހު މި އެހީގެ ގޮތުގައި ދޫކުރި 56.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
އެންސްޕާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ މަހު އަލަށް އިތުރުވި 169 ފަރާތާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ޖުމުލަ އަދަދު ވަނީ 15،665 އަށް އަރާފައެވެ. މީގެ ތެރެއިން ވޭތުވެދިޔަ މަހު 15،498 ފަރާތަކަށް އެހީގެ ގޮތުގައި ޖުމުލަ 58،368،000 ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ. ދަފްތަރުގައި ހިމެނެނީ 9،057 ފިރިހެނުންނާއި 6،608 އަންހެނުންނެވެ.
ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ 18 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. އެއީ 3،889 އަންހެނުންނާއި 4،055 ފިރިހެނުން ހިމެނޭހެން ޖުމުލަ 7،944 މީހުންނެވެ. ދަފްތަރުގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.
ނުކުޅެދުންތެރިކަމުގެ ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 4،240 މީހުން، އެކި ގޮތްގޮތުން ނުކުޅެދުންތެރިކަން ހުންނަ 3،548 މީހުން، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 2،508 މީހުން، އަޑުއިވުމާއި ވާހަކަދެއްކުމުގައި އުނދަގޫ ހުންނަ 1،869 މީހުން، ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،812 މީހުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،033 މީހުން، އޯޓިޒަމް ހުންނަ 594 މީހުން އަދި އުނގެނުމުގެ ދަތިކަން ހުންނަ 61 މީހުން ހިމެނެއެވެ.
މާލީ އެހީގެ އިތުރުން، އެކި ވައްތަރުގެ ތެރަޕިއުޓިކް ފަރުވާއަށް 499 މީހަކަށް 8،132،665 ރުފިޔާ އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ. މި އެހީ ލިބުނު ފަރާތްތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ 481 ކުދިންނާއި، 18 އަހަރާއި 64 އަހަރާ ދެމެދުގެ 18 މީހުން ހިމެނޭއިރު، ޖުމުލަ 364 ފިރިހެނުންނާއި 135 އަންހެނުން ހިމެނެއެވެ.
ތެރަޕީތަކަށް ކުރެވުނު ޚަރަދުގެ ތަފްސީލަށް ބަލާއިރު، ބިހޭވިއަރ ތެރަޕީއަށް 140 މީހުންނަށް 2.7 މިލިއަން ރުފިޔާ، އޮކިއުޕޭޝަނަލް ތެރަޕީއަށް 145 މީހުންނަށް 2.1 މިލިއަން ރުފިޔާ، ސްޕީޗް ތެރަޕީއަށް 113 މީހުންނަށް 1.9 މިލިއަން ރުފިޔާ އަދި އެޑިއުކޭޝަނަލް ތެރަޕީއަށް 73 މީހުންނަށް 1.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ފިޒިއޯ ތެރަޕީއަށް 10 މީހުންނަށް 139،436 ރުފިޔާ، ސައިކޯ ތެރަޕީއަށް 11 މީހުންނަށް 88،500 ރުފިޔާ އަދި އަރލީ އިންޓަރވެންޝަނަށް 5 މީހުންނަށް 30،600 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.